Last Updated: July 24, 15:14
Friday, July 24, 2026
މުނިފޫހިފިލުވުން

ސަލްމާނަށް ބޮޑުބޭބެ ކިޔާ އަލިޒޭގެ ފިލްމު ނޮވެމްބަރުގައި

ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ފަރޭ" ގެ ޓީޒާ ޓްރެއިލާ ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ސަލްމާން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 24 ގަ އެވެ. އަލިޒޭ، 22، އަކީ ސަލްމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލްވިރާ ޚާނާއި ކުރީގެ އެކްޓަރު/މިހާރުގެ ޕްރޮޑިއުސަރު އަތުލް އަގުނިހޯތުރީގެ ދަރިއެކެވެ.

އަލިޒޭ ބޮލީވުޑަށް ނެރެން އުޅެން ވާހަކަ 2018 އިން ފެށިގެން ދެކެވެމުން އަންނަ އިރު، 2021 ގެ ތެރޭގައި އޭނަ ގަހަނާ ބްރޭންޑެއްގެ އިޝްތިހާރެއް ވެސް ކުޅެފައިވެ އެވެ. އަލިޒޭ އަކީ ސަލްމާންގެ އާއިލާ ފިލްމީ ދާއިރާ އަށް ނުކުންނަ ފުރަތަމަ ފަންނާނެވެ.

"ފަރޭ" ގެ ޓީޒާ މިއަދު ސަލްމާން ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

މި ފިލްމަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސޯމެންދުރަ ޕަދީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ފަރޭ" ގެ ކާސްޓްގައި ޒޭން ޝޯ، ސާހިލް މެހެތާ، ޕްރަސައްނާ ބިޝްޓްގެ އިތުރުން ރޯނިތު ރޯއި އާއި ޖޫހީ ބައްބަރް ހިމެނެ އެވެ.