މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި ޕްރަބާސް ވަރުގަދަ ގަދަހިފުމަކަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން މި ދެ ތަރިންގެ ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒްކުރަން މިހާރު ވަނީ ތާވަލުކޮށްފަ އެވެ. ޝާހްރުކްގެ "ޑަންކީ" ޑިސެމްބަރު 22 ގައި ރިލީޒްކުރަން ވަރަށް ދުރާލައި، ތާވަލުކޮށްފައި އޮއްވައި ޕްރަބާސްގެ ފިލްމު "ސަލާރު" ވެސް މިހާރު ވަނީ އެ ތާރީހުގައި ގެނެސްދޭން ނިންމައިފަ އެވެ.
ކުރިން މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން އޮތީ އަންނަ ހުކުރު ދުވަހު އެވެ. ނަމަވެސް "ސަލާރު" ގެ މަސައްކަތްތައް ނިންމަން އިތުރު ވަގުތު ނަގާތީ ފިލްމު ރިލީޒްކުރުން ފަސްކުރީ އެވެ. ފިލްމު ފަސްކުރުމާ އެކު ބެލެވިފައި އޮތީ އެ ދެން ރިލީޒްކުރާނީ އަންނަ އަހަރު ކަމަށެވެ.
ނަމަވެސް އިއްޔެ "ސަލާރު" ގެ ޓީމުން ވަނީ ޑިސެމްބަރު 22 ގައި ފިލްމު ގެނެސްދޭން ނިންމައިފަ އެވެ.
މިއާ އެކީ އަހަރުގެ ފަހު މަސް ވާނީ ވަރުގަދަ ދެ ތަރިއަކު ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށް ދާނެ މަހަކަށެވެ. ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ޑަންކީ" އަކީ މި އަހަރު ރިލީޒްކުރާ ޝާހްރުކްގެ ތިން ވަނަ ފިލްމެވެ. އޭނަގެ "ޖަވާން" ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ އިރު، ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އަކީ ވެސް އިންޑަސްޓްރީ ސިއްސުވާލި ވަރަށް ކާމިޔާބު ފިލްމެކެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "ޑަންކީ" ވާނީ "ޖަވާން" އާއި "ޕަތާން" އަށް ވުރެ ވެސް ކާމިޔާބު ފިލްމަކަށެވެ.
"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޕްރަބާސްގެ "ސަލާރު" އަކީ ވަރަށް މަގުބޫލުވި ކަންނާޑާ ފްރެންޗައިޒް "ކޭޖީއެފް" ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ގެނެސްދޭ އެކްޝަން ތުރިލާއެކެވެ. މިއީ 250 ކްރޯޑް ރުޕީސް (30.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ އުންމީދީ ފިލްމެކެވެ.
ޖޯންރާގެ ގޮތުން "ޑަންކީ" އާއި "ސަލާރު" ވަރަށް ތަފާތެވެ. އެހެންވެ ފަހަރުގައި ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ޖެހުނަސް މާ ބޮޑު މައްސަލައަކަށް ނުވާނެ އެވެ. އޭގެ އެއް ހެއްކަކީ މިދިޔަ މަހުގެ 11 ގައި ސަނީ ޑިއޯލްގެ "ގަދަރު 2" އާއި އަކްޝޭ ކުމާރުގެ "އޯމްއެމްޖީ 2" ރިލީޒްކޮށްގެން ދެ ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުމެވެ.
ނަމަވެސް ޝާހްރުކްގެ ފޭނުންނާއި ޕްރަބާސްގެ ފޭނުންގެ މެދުގައި އޮތް ފޯރިގަނޑު ޑިސެމްބަރު މަހުގެ ތެރޭގައި އުތުރި އަރައިގަނެ، ދެ ފިލްމުގެ ވާދަވެރިކަން ބޮޑުކުރާނެކަމަކީ ޔަގީން ކަމެކެވެ.