ޖުލައިގައި ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.
ޖުލައި މަހުގެ 29 ގައި ރިލީޒްކުރި މި ފިލްމަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" ގެ އިތުރުން "އޭ ދިލް ހެ މުޝްކިލް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ 7 ވަނަ ފިލްމެވެ.
ރޮމޭންޓިމް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑް ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. މީގެ މުހިއްމު ރޯލުތަކެއް ޖަޔާ ބައްޗަނާއި ދަރުމެންދުރާގެ އިތުރުން ޝަބާނާ އާޒްމީ ވެސް ކުޅެފައިވާ އިރު، އެ މީހުންނާ އެކީ ބޮޑު ކާސްޓެއް ހިމެނެ އެވެ.
ޖުމްލަ 160 ކްރޯޑް ރުޕީސް (19.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ބޮކްސް އޮފީހުގައި 347.02 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. މި ފިލްމަކީ މި އަހަރު ރިލީޒްކުރި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.
އަންނަ މަހު ބާއްވާ މި އަހަރުގެ ބުސާން ފިލްމު ފެސްޓިވަލްގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ދައްކަން ފުރުސަތު ލިބިވިފައިވާ އިރު، އަންނަ އަހަރުގެ އޮސްކާ އަށް އިންޑިއާ އިން ހުށަހަޅަން ޝޯޓްލިސްޓްކުރާ ފިލްމުތަކުގެ ތެރޭގައި ވެސް މި ފިލްމު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.