ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ އެއްވެސް ބޭފުޅަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ޑރ. މުއިއްޒުއާ ދެކޮޅަށް ކުރިއަށް ގެންދާ އެންޓި ކެމްޕޭންގައި ދައްކާ ވާހަކައަކީ އަނިޔާގެ ވާހަކަ ކަމަށެވެ. އެހެންނަމަވެސް ޑރ. މުއިއްޒުއަކީ އެއްވެސް ބޭފުޅަކަށް އަނިޔާއެއް ދެއްވާނެ ބޭފުޅެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.
"ޑރ. މުއިއްޒުއަކީ އިސްލާމީ ތަރުބިއްޔަތު ލިބިވަޑައިގެން، ތައުލީމީ އާއިލާއެއްގެ ތެރެއިން ނިކުމެވަޑައިގެންނެވި ބޭފުޅެއް. ކިހިނެއްތޯ އެބޭފުޅާ އެއްވެސް ބޭފުޅަކަށް އަނިޔާވެރިވާނީ." ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަން ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީހު ދެކޭނެ އެންމެ އަދުލުވެރި އެންމެ އިންސާފުވެރި ވެރިކަމަށް ކަމަށެވެ. ރާއްޖެއާއި ޒުވާން ޖީލު ސަލާމަތްކުރުމަށް ޑރ. މުއިއްޒުއަށް ހުރިހާ ފަރާތްތަކުންވެސް ތާއީދުކުރަންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.
މިއަދު ބޭނުންވަނީ ޒަމާނީ ތައުލީމު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ގައުމުގެ ޒައާމަތުގައި ހުންނެވުމަށްކަން ފާހަގަކުރައްވާ ޑރ. ޝަހީމް ވިދާޅުވީ އެބޭފުޅަކީ ޑރ. މުއިއްޒު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރު 30 ވަނަ ދުވަހު އޮންނައިރު ޑރ. މުއިއްޒުއާ އިންތިހާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ދެ ކެންޑިޑޭޓުންވެސް އަންނަނީ ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.