Last Updated: May 15, 17:22
Thursday, May 15, 2025
ޚަބަރު

ފުރަތަމަ ކަމަކަށް ވާނީ މިނިވަންކަން ޔަގީން ކުރުން

ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ޕީޕީއެމް

ވެރިކަމުގެ ފުރަތަމަ ދުވަހު ފަށާ އެއް މަސައްކަތަކަށްވާނީ ގައުމުގެ މިނިވަންކަން ޔަގީންކުރުމުގެ މަސައްކަތް ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ނަގާ ވޯޓަކީ ގައުމީ ވޯޓެއް ކަމަށާއި، ގައުމީ ކަންކަން އެދުވަހު ރަނގަޅަށް ނުނިންމައިފިނަމަ ދާނީ އަތުނުޖެހޭ ހިސާބަށް ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު މިއަދު އޮތްގޮތުން ރާއްޖޭގެ މިނިވަންކަން އޮތީ ވަރަށް ނުރައްކާވާ ހިސާބެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. ކެމްޕޭންގައި ރާއްޖޭގެ ރަށްރަށަށް ދަތުރުކުރައްވާ ވެލައްވާފައިވާ ވައުދުތަކަކީ އެކަންކަން ކުރުމަށްޓަކައި ވެފައިވާ ވައުދުތަކެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ބަހާއި އަމަލާ ދިމާކުރާނެ ކަމަށެވެ. އެހެންކަމުން އަމަލީ ގޮތުން ނަތީޖާނެރެ ދައްކައިދޭނެކަމަށް ވިދާޅުވިއެވެ.

"އެކަންކުރުމަށްޓަކައި އެކުލަވާލާ ޓީމް ވާނީ އިހުލާސްތެރިކަމާއެކު އަޅުގަނޑު އެދޭގޮތަށް ރައްޔިތުންނަށްޓަކައި އެ ހިދުމަތްކުރެވޭ ވަރުގެ ޓީމަކަށޭ. ކެބިނެޓަށް ނަގާ ބޭފުޅުންވާނީ އިރާދަކުރެއްވިއްޔާ ރައްޔިތުން ފަހުރުވެރިވާފަދަ ބޭފުޅުންނަށް. ފަސްބައިސާފު ހިދުމަތްކުރެވޭ އަޅުގަނޑު އެދޭ ސްޕީޑްގައި ރެޔާދުވާލު މަސައްކަތް ކުރަންކެރޭ ހީވާގި ތައުލީމު ލިބިފައިވާ ޤާބިލު ބޭފުޅުން އަޅުގަނޑުގެ ޓީމަށް ނަގާނީ." މުއިއްޒު ވިދާޅުވިއެވެ.

ބޭނުންވަނީ އިހުލާސްތެރި ތެދުވެރި މަސައްކަތްތަކެއް ކުރަންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ބޭނުންވަނީ އަދުލުވެރިކަމާ އިންސާފުވެރިކަމާއެކު ވެރިކަމެއް ކުރަންކަމަށެވެ.

މުއިއްޒު ވިދާޅުވި ގާއިމުކުރާނީ ދެފުށްފެންނަ ހާމަކަންބޮޑު ސަރުކާރެއް ކަމަށާއި، ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އަދި ނޫސްވެރިންނަށް ކަމެއް ނޭންގިގެން އުޅެންޖެހުނަ ނުދޭނެ ކަމަށާއި، ރައްޔިތުންނަށް ފޮރުވައިގެންކަންކަން ކުރަންވެއްޖެނަމަ ހަމަޖެހުން ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު މިއުޅެނީ ބްރިޖް އަޅަންވިޔަސް، އެ ބްރިޖްގެ އެގްރިމެންޓް ހާމަކޮށްފިއްޔާ ގައުމަށް ހަނޑޫ، ހަކުރު، ފުށެއް ނުލިބޭނޭ ބުނާއަޑު މިއިވެނީ. ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓް ހާމަކުރަންވެއްޖިއްޔާ ސުޕްރީމް ކޯޓާ ހަމައަށް ދާންޖެހޭ. މިގޮތަކަށް ގައުމަށް ހަމަޖެހުމެއް ނާންނާނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަނަށް ފުރުސަތު ނުދޭނެ ކަމަށާއި، އެކަންކުރާ ފަރާތެއް ފާހަގަވެއްޖެނަމަ އިސްވެ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ ގައުމުގެ މިނިވަންކަން ޔަގީންކުރުން ކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހު ފަށާ އެއް މަސައްކަތަކަށްވާނީ ގައުމުގެ މިނިވަންކަން ޔަގީންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަން ކުރާނީ ޑިޕްލޮމެސީގެ ރިވެތި އުސޫލުން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ. ރައްޔިތުންދެއްވާ ފުރިހަމަ ތާއީދާއި ބާރު އެންމެ ރިވެތިގޮތުގައި ބޭނުންކޮށްގެން ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.