Last Updated: July 24, 15:14
Friday, July 24, 2026
މުނިފޫހިފިލުވުން

އާލިއާގެ އާ ފިލްމަކީ "ޖިގްރާ"

ޑައިރެކްޓަރު ވަސަން ބާލާއާ އެކީ ބަތަލާ އާލިއާ ބަޓް މަސައްކަތްކުރަން ހަަމަޖެހިފައިވާ ފިލްމު މިއަދު އިއުލާންކޮށްފި އެވެ.

"ޖިގްރާ" ގެ ނަން ދީފައިވާ މި ފިލްމު ހަދަން ނިންމާފައި ވަނީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އެޓާނަލް ސައިންޝައިން އާއި އޭނަގެ އެންމެ ފަހުގެ ފިލްމު، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެންނެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން 2021 ގައި އާލިއާ ލޯންޗްކުރި ފިލްމު ކުންފުނީގެ ފުރަތަމަ ގެނެސްދިން ފިލްމަކީ އާލިއާ ބަތަލާގެ ރޯލު ކުޅެ، މިދިޔަ އަހަރު ގެނެސްދިން "ޑާލިންސް" އެވެ. ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރި އެ ފިލްމު ހެދީ ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓައިންމަންޓާ ގުޅިގެންނެވެ.

"ޖިގްރާ" އަަކީ އާލިއާ ޕްރޮޑިއުސްކޮށް، ކުޅޭ ދެވަނަ ފިލްމެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 27 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ޖިގްރާ" ގެ ކާސްޓްގައި ނެޓްފްލިކްސް އިން ޑިސެމްބަރުގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ދި އާޗީސް" ގެ ކާސްޓްގައި ހިމެނޭ މިހިރް އަހޫޖާ ވެސް ހިމެނެ އެވެ.

"ޖިގްރާ" ގެ ޑައިރެކްޓްތަރު ވަސަން އަކީ "މޭނޭ ޕިޔާރު ކިޔާ" ގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ ހޭ" އިން ބޮލީވުޑަށް ނެރުނު ޑައިރެކްޓަރެވެ.

މިދިޔަ އަހަރުގެ "ގަންގޫބާއި ކަތިއަވާޅީ" ގައި ކުޅުނު ރޯލުން މި އަހަރު މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރިކޮށްފައިވާ އާލިއާ އާ ފިލްމަކަށް ސޮއިކުރި އިރު، އޭނައާ އެކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އެތަނުގެ ސްޕައި ޔުނިވާސް އަށް ފިލްމެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.