މިސްރުގެ ރިޔާސީ އިންތިހާބު މި އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.
އެ ގައުމުގެ އިންތިހާބާ ބެހޭ އިދާރާ އިން ބުނީ އިންތިހާބު ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ 10-12 އަށް ކަމަށެވެ.
މި އިންތިހާބުގައި މިހާރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވެސް ތިން ވަނަ ދައުރަކަށް ވެސް ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ. އޭނަ މިސްރުގެ ރައީސްކަމަށް ވަޑައިގެންނެވީ 2014 ގަ އެވެ. އޭގެ ފަހުން 2018 ގައި އަލުން އިންތިހާބުވެވަޑައިގަތެވެ. އުމުރުން 68 އަހަރުގެ ސީސީ އަކީ މިސްރުގެ ޑެޕިއުޓީ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ، އެ ގައުމުގައި ސިޔާސީ ގޮތުން މިހާރު ހުންނެވި އެންމެ ނުފޫޒު ގަދަ ބޭފުޅާ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނަ ވާދަކުރައްވައި ކާމިޔާބުކުރައްވައިފި ނަމަ 2030 އާ ހަމައަށް ވެރިކަން ދެމިގެންދާނެ އެވެ.

ޑިސެމްބަރުގައި ރިޔާސީ އިންތިހާބު ބާއްވަން ނެޝަނަލް އިލެކްޝަންސް އޮތޯރިޓީ (އެންއީއޭ) އިން ނިންމި އިރު، މިސްރުގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން މިއީ މިފަދަ އިންތިހާބެއް ބާއްވަން އެންމެ އެކަށީގެންވާ ދަނޑިވަޅުތޯ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.
ނަމަވެސް އިންތިހާބުފައި ވާދަކުރައްވާނެކަން ބައެއް ބޭފުޅުން މިހާރު ވަނީ އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު ލީޑަރު އަހުމަދު އަލް-ތަންތާވީ އާއި އިޖިޕްޝަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ފާރިދު ޒަހްރާނާއި ވަފުދު ޕާޓީގެ ވެރިޔާ އަބްދުލް-ސަނަދު ޔަނާނާގެ އިތުރުން ލިބެރަލް ކޮންސްޓިޓިއުޝަން ޕާޓީގެ ވެރިޔާ ގަމީލާ އިސްމާއީލް ހިމެނެ އެވެ.