Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުވައިފި

ފޮޓޯ: ރައީސް އޮފީސް

އާބަންކޯގެ މުވައްޒަފުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން ބެލެހެއްޓުމަށް އެކުންފުނިން ތަރައްޤީކުރި، "ޗައިލްޑްކެއާ ސްޕޭސް" ހުޅުވައިދެއްވައިފިއެވެ.

މި "ޗައިލްޑްކެއާ ސްޕޭސް" ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ އާބަންކޯގެ ހެޑް އޮފީހުގައެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުއްވައި ދެއްވުމަށްފަހު، ފަސްޓްލޭޑީ ފަޒްނާ ވަނީ އެތަން ބައްލަވާލައްވައި، އެތަނުގައި އެވަގުތު ތިބި ކުޑަކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މިތަން ތަރައްޤީކޮށްފައި ވަނި، އާބަންކޯ ހެޑް އޮފީހުގެ 2 ވަނަ ފަންގިފިލާގައެވެ.

އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމަށް އެކަމަށް ހާއްސަކޮށް ތަމްރީންކޮށްފައިވާ 3 މުވައްޒަފަކު މަސައްކަތް ކުރަމުންދާނެއެވެ. އަދި އެތަން ހާއްސަކޮށްފައި ވަނީ އުމުރުން 3 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ.

މިގޮތުން އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ޤާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނެއެވެ. "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމުގެ ހިދުމަތަކީ އެކުންފުނީގެ މުވައްޒަފުންނަށް ހިލޭ ފޯރުކޮށްދޭ ހިދުމަތެކެވެ.