Last Updated: May 15, 17:22
Thursday, May 15, 2025
ޚަބަރު

ސިނަމާލެ ބުރިޖަށް ވުރެ އަވަހަށް ތިލަމާލެ ބުރިޖު ނިމޭނެ

މިނިސްޓަރު އަހުމަދު މަހުލޫފް- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެއާ ހުޅުލެއާ ދޭތެރޭ އެޅި ބްރިޖަށްވުރެއް މާއަވަހަށް މާލެ – ވިލިނގިލި – ތިލަފުށި ގުޅުވާލަން މި ސަރުކާރުން އަޅާ ބްރިޖްގެ މަސައްކަތް ނިމޭނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ނުނިމި އެކަމުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު ޔޫތް މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެނިގެން ހަޖޫޖަހާއިރު، ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް މިއަދުވެސް ކުރިއަށްދާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ތަނބުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށް ކަމަށް ބެލެވޭ ކަމަށެވެ.

"މަސައްކަތުގެ ސްޕީޑުހުރިގޮތަށް ބަލާއިރު، ހުޅުލެ ބުރިޖުގެ މަސައްކަތަށްވުރެ މާއަވަސް މުއްދަތެއްގެތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނެކަމަށް ބެލެވޭ." މަހުލޫފް ވިދާޅުވިއެވެ.

https://x.com/AhmedMahloof/status/1706563229714149422?s=20

ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތާ ހަވާލުވެފައި ވަނީ އިންޑިއާގެ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ލިމިޓެޑެވެ. ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެފްކޮންސްއާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ.

ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލެވިގެންދާ މި ޕްރޮޖެކްޓާ ގުޅޭގޮތުން ރައީސް ސޯލިހް މި އަހަރުގެ ޖުލައި މަހުގައި ވިދާޅުވީ ބްރިޖްގެ މަސައްކަތް އަންނަ އަހަރު ނިމި ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

މި ބްރިޖްގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ. މި މަޝްރޫއަށް ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ޕްރޮޖެކްޓަށް ހޭދަކުރެ އެވެ.