Last Updated: August 12, 18:29
Tuesday, August 12, 2025
ޚަބަރު

މުއިއްޒު މާދަމާ އައްޑު އަށް ވަޑައިގަންނަވަނީ

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާދަމާ އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރު ކުރައްވަމުން ގެންދަވާއިރު ރޭ ވަނީ ލ. ގަމުގައި ޖަލްސާއެއްވެސް ބާއްވާފައެވެ. އަދި މިއަދު ވަނީ ގއ. ވިލިނގިއްޔަށްވެސް ވަޑައިގެންފައެވެ. ގއ. ވިލިނގިއްޔަށް މުއިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މުއިއްޒު ކެމްޕޭނުގައި މާދަމާ ހެނދުނު ފުވައްމުލައްސިޓީގައި ހުންނެވުމަށް ފަހު ފޭދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:45 ގައެވެ. އޭގެފަހުން މަރަދޫފޭދޫ، މަރަދޫ، ހިތަދޫ އަދި ހުޅުދު އާއި މީދު އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ރޭ މާލެއަށް ފުރާވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސެޕްޓެމްބަރު 30 ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނައިރު މުއިއްޒުއާ އިންތިހާބުގައި ވާދަކުރައްވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ. ދެ ކެންޑިޑޭޓުންވެސް އަންނަނީ އިންތިހާބަށް ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ކެމްޕޭނަށް މުއިއްޒު އައްޑު އަށް ވަޑައިގެންނެވި އެވެ.