Last Updated: May 15, 11:02
Thursday, May 15, 2025
ޚަބަރު

ވޯޓާސް ލިސްޓުގައި ސޮއި ކުރަން ފަށައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރަން ފަށައިފިއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވޯޓުލާ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރުން މިއަދު ވަނީ ފަށާފައެވެ. އެގޮތުން ދަރުބާރު ގޭގައި ސޮއި ކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމް ކަމަށެވެ. އަދި ސައްހަކަން ކަށަވަރު ނުވީ 11،284 ފޯމް ކަމަށެވެ. ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ޝަކުވާ ހުށަހަޅަން ދިން 48 ގަޑިއިރުގެ މުއްދަތުގައި 361 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި މައިގަނޑު ޝަކުވާ ލިބުނީ ސައްހަކަން ކަށަވަރު ނުކުރެވުނު ހުށައެޅުންތަކާއި ގުޅޭގޮތުންނެވެ. އަދި އެމީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައަޅައިގެން ވެސް ބައެއް ޝަކުވާ ލިބުނު ކަމަށް ކޮމިޝަނުން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.