މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އޮންލައިންކޮށް ވަގުތުން އެކައުންޓް ހުޅުވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އެ ބޭންކުން ބުނީ އަލަށް ތައާރަފުކުރި ހިދުމަތާ އެކީ އެކައުންޓް ހުޅުވަން އެދުމަށް ފަހު މަޑުކުރަން ނުޖެހި ވަގުތުން އެކައުންޓް ނަންބަރު ލިބޭނެ ކަމަށެވެ. އެގޮތުން ވަގުތުން އެކައުންޓު ހުޅުވުމުގެ އިތުރުން އެކައުންޓު އެކްޓިވޭޓުކޮށް ވަގުތުން ފައިސާ ޖަމާ ވެސް ކުރެވޭނެ އެވެ.
މި ބަދަލާ އެކު، އެކައުންޓް ހުޅުވުމަށް ފަހު ވަގުތުން ވިސާ އެވްރީޑޭ ކާޑެއް ލިބޭނެ ކަމަށް ވެސް އެމްއައިބީ އިން ބުންޏެވެ.
އަދި އެ ކާޑު އެކައުންޓް ހުޅުވި ބްރާންޗް ނުވަތަ އެންމެ ކައިރީގައި ހުރި އެމްއައިބީގެ ބްރާންޗަކަށް ދިޔުމުން ލިބޭނެ އެވެ. އެމްއައިބީ އިން ބުނި ގޮތުގައި މި ހިދުމަތަށް އެދޭނީ އެމްއައިބީގެ "އެޕްލައިނައު ޕޯޓަލް" މެދުވެރިކޮށެވެ. އެގޮތުން އީ-ފާސް މެދުވެރިކޮށް ލޮގިންވުމަށް ފަހު އެކައުންޓް ހުޅުވުމަށް އެދެވޭނެ އެވެ. އަދި އީ-ފާސް މޮބައިލް އެޕްލިކޭޝަނުން ސީދާ އެމްއައިބީ "އެޕްލައިނައު ޕޯޓަލް" އަށް ވަދެވޭނެ އެވެ.
އެމްއައިބީގެ ބްރާންޗްތައް ރާއްޖޭގެ ހުރިހާ ސިޓީއެއްގައި އަންނަނީ ހިންގަމުންނެވެ. އެއީ މާލެ، އައްޑޫ، ތިނަދޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓެވެ.