Last Updated: July 24, 15:14
Friday, July 24, 2026
މުނިފޫހިފިލުވުން

ޕީރިއަޑް ފިލްމެއް ކުޅުމަކީ ހުވަފެނެއް: ސޯނަމް

މިހާރު އެންމެ ބޮޑު އެއް ހުވަފެނަކީ ތާރީހީ ހާދިސާއަކަށް ބިނާކޮށް ހަދާ ޕީރިއަޑް ޑްރާމާއެއް ކުޅުން ކަމަށް ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް ބުނެފި އެވެ.

ޖިއޯ މާމީ ފިލްމު ފެސްޓިވަލްގެ "ވޯޑް ޓު ސްކްރީން" އިވެންޓްގައި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދަރިފުޅު ބުނީ ކެރިއަރުގައި އަދި މިހާތަނަށް ޕީރިއަޑް ފިލްމެއް ކުޅެފައި ނުވާތީ އެފަދަ ފިލްމަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ ކަމަށެވެ. މިހާތަނަށް ބޮލީވުޑްގައި މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ސޯނަމް ބުނި ގޮތުގައި އެފަދަ ފިލްމެއް ކުޅެން ޝައުގުވެރިވާ އެންމެ ބޮޑު ސަބަބަކީ އިންޑިއާވަންތަ ކޮސްޓިއުމާއި ގަހަނާއާ އެކީ ވަރަށް ބޮޑަށް ޒީނަތްތެރިވާން ފުރުސަތު ލިބޭނެތީ ކަމަށެވެ.

"ގިނަ ބަޔަކު އަހަރެން ބޮޑަށް ސިފަކުރަނީ ސްޓައިލިޝްކޮށް ހެދުން އަޅާ ފެޝަނިސްޓާއެއްގެ ގޮތުގައި. އެކަމަކު އަހަރެން ބޭނުން ވަރަށް ބޮޑަށް ބޭނުން ފިލްމެއްގައި އިންޑިއަން ލުކް ވަރަށް ބޮޑަށް ދައްކުވައި ދޭން،" ސޯނަމް ބުންޏެވެ. "އެހެންވެ ޕީރިއަޑް ޑްރާމާއެއް ކުޅުމަކީ ވަރަށް ބޮޑު ހުވަފަނެއް. އެފަދަ ރޯލެއް ކުޅޭކަށް އަދި މިހާތަނަށް ފުރުސަތެއް ވެސް ނުލިބޭ."

ސޯނަމް ބޮލީވުޑަށް ނުކުތީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2007 ގެ "ސާވަރިއާ" އިންނެވެ. އޭގެ ފަހުން ކުޅަދާނަ ބައެއް ޑައިރެކްޓަރުންނާ އެކީ މަސައްކަތްކުރަން ފުރުސަތު ލިބުނު ނަމަވެސް ސޯނަމްގެ ކެރިއަރުގައި މިހާތަނަށް މާ ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅެފައެއް ނެތެވެ. އަދި އޭނަގެ އެކްޓިން އަށް ވުރެ ބޮޑަށް ގިނަ ބަޔަކު ފާހަގަކުރަނީ ހެދުން އެޅުމަށްދޭ ސަމާލުކަމަށެވެ.

އަހަރެއްވީ ފިރިހެން ދަރިއަކު ވެސް ހުރި 38 އަހަރުގެ ބަތަލާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2016 ގެ "ނީރްޖާ" އެވެ. ސޯނަމްގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި ޖިއޯ ސިނެމާ އިން ޕްރީމިއާކުރި "ބްލައިންޑް" އެވެ.

ދެހާސް އަށާރައިގައި ކައިވެނި ކުރި ފަހުން ފިލްމީ މަސައްކަތްތަކާ ވަރަށް ދިރުގައި އުޅޭ ބަތަލާ ދާދި ފަހުން ވަނީ ކެރިއަރު އަލުން ކޮޅަށް ޖަހަން ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް (ވައިއާރްއެފް) ގެ ޓެލެންޓް އެޖެންސީއާ ގުޅިފަ އެވެ.