ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް 61 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެތަނުން ބުނީ ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ތިން މައްސަލައަކާއި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯއިން ހުށަހެޅި ހަތަރު މައްސަލައަކާއި އަމިއްލަ ފަރުދުން ހުށަހެޅި 26 މައްސަލައެއްގެ އިތުރުން ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅި 28 މައްސަލައެކެވެ.
އޭސީސީން ބުނި ގޮތުގައި ހުށަހެޅުނު 61 މައްސަލައިގެ ތެރެއިން މިހާތަނަށް 29 މައްސަލައެއް ރަޖިސްޓްރީކޮށް އަންނަނީ ބަލަމުންނެވެ. ބަލަން ފެށި މައްސަލަތަކުގެ ތެރޭގައި އިންތިހާބީ ރިޝްވަތާއި، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އެކި ވަސީލަތްތައް ބޭނުންކުރުމުގެ މައްސަލަތައް ހިމެނެ އެވެ.
އެފަދަ މައްސަލަތަކުގެ ތެރޭގައި އިންތިހާބާ ދިމާކޮށް ގަރާޖު ސިޓީ އުވާލައި ޓެކްސީ ރަޖިސްޓްރީ ކުރަން 10000ރ. ގެ ފީއެއް ނަގަން ހަމަޖެއްސުމާއި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކުރަން ނިންމުމާއި ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކަނޑާލަން ނިންމުމާއި ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކުރުމާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސެއް ދޭން ނިންމުމާއި ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް ހިމެނޭ އެވެ.
އޭސީސީން ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި، މައްސަލަތައް ތަހުގީގުކުރުމަށް ކުރަންޖެހޭ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ.
އިންތިހާބާ ގުޅިގެން ހުށަހެޅި މައްސަލަތަކެއް އޭސީސީން ބަލަން ފެށި އިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.