Last Updated: May 3, 06:00
Friday, May 3, 2024
ދުނިޔެ

މޫސުމީ ބަދަލުތަކާ ހެދި 32 ގައުމަކަށް ދައުވާ

ޕެރިސް އެގްރިމަންޓާ އެއްގޮތަށް ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކާ ދެކޮޅަށް 32 ގައުމަކުން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާތީ ޕޯޗްގަލްގެ އެއް އާއިލާއެއްގެ ތިން މެމްބަރަކު ވެސް ހިމެނޭ ގޮތަށް، އެ ގައުމުތަކަށް ދައުވާކުރަން ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް (އީސީއެޗްއާރް) އަށް ހަ މީހެއްގެ ފަރާތުން ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅި އެއް އާއިލާއަކަށް ނިސްބަތްބާ މީހުންނަކީ ކްލައުޑިއާ، 24، އާއި ކޮއްކޮ އިން ކަމަށްވާ މާޓިން، 20، ގެ އިތުރުން މަރިއާނާ، 11، އެވެ.

އެ މީހުންނާ އެކީ ޖުމްލަ ހަ މީހުން ކްލައިމެޓް ޗޭންޖް މައްސަލާގައި 32 ގައުމަކަށް ދައުވާކުރަން ހުށަޖެޅި މައްސަލާގައި ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް މިހާތަނަށް އެ ގައުމުތަކުން މޠސުމީ ބަދަލުތަކާ ދެކޮޅަށް އެއްޗެސް މަސައްކަތް ނުކުރާ ކަމަށެވެ. އެގޮތުން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށާއި ދުނިޔެ ހޫނުވުން ކުޑަކުރުމަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް އެ ގައުމުތަކުން ނުކޮށް، ތިމާވެއްޓާ މެދު އިހުމާލުވެ، ކުރިމަގު ޖީލު ނުރައްކަލގެ ތެރެއަށް ވައްޓަމުންދާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މޫސުމީ މައްސަތަލާ ހެދި 2017 އިން ފެށިގެން ޕޯޗްގަލްގައި ޖަންގަލިތައް އެނދުން އިތުރުވެފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ހަ މީހުން ދައުވާކުރާ ގައުމުތަކުގެ ތެރޭގައި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކުގެ އިތުރުން އިނގިރޭސިވިލާތް، ރަޝިއާ، ނޯވޭ، ތުރުކީ އަދި ސްވިޓްޒަލޭންޑް ހިމެނެ އެވެ.

މައްސަލައިގެ ފުރަތަމަ އަޑު އެހުން މިއަދަށް ތާވަލުކޮށްފައިވެ އެވެ.

މޫސުމީ ބަދަލުތަކަކީ މުޅި ދުނިޔޭގައި ވެސް މިހާރު އެންމެ ބޮޑު އެއް މައްސަލަ އެވެ.