ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޑރ. މުއިއްޒު މިއަދު އައްޑޫސިޓީއަށް ވަޑައިގެން އުޅުއްވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒުއާ ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް މިއަދު އުޅުއްވަނީ އައްުޑޫސިޓީގައި ކެމްޕޭނަށެވެ.
މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރު ކުރައްވަމުން ގެންދަވާއިރު ރޭ ވަނީ ފުވައްމުލައްސިޓީގައި ބައްދަލުވުމެއްވެސް ބާއްވަވާފައެވެ.
މުއިއްޒު ކެމްޕޭނުގައި މިއަދު ހެނދުނު ފުވައްމުލައްސިޓީގައި ހުންނެވުމަށް ފަހު ފޭދޫއަށް ވަޑައިގެންފައިވާއިރު، އޭގެފަހުން މަރަދޫފޭދޫ، މަރަދޫ، ހިތަދޫ އަދި ހުޅުދު އާއި މީދު އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި މިރޭ މާލެއަށް ފުރާވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސެޕްޓެމްބަރު 30 ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނައިރު މުއިއްޒުއާ އިންތިހާބުގައި ވާދަކުރައްވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ. ދެ ކެންޑިޑޭޓުންވެސް އަންނަނީ އިންތިހާބަށް ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.