Last Updated: May 15, 10:51
Thursday, May 15, 2025
ޚަބަރު

އިންޑިއާ ސިފައިންގެ އެއްވެސް ބާރެއް މި ގައުމަކު ނޯންނާނެ

ރާއްޖޭގައި ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލުއޮތްކަމަށާއި އިންޑިއާ ސިފައިންގެ އެއްވެސް ބާރެއް ރާއްޖެއަކު ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް އައްޑޫސިޓީގެ ކެމްޕޭން ޓީމްތަކާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިމްރާން އަބްދުﷲ ވިދާޅުވީ ބޭރުގެ އަޅުވެތިކަމެއްގެ ބިރު ދައްކައިގެން އެތެރޭގައި ތިބި ބަޔަކު ރައްޔިތުން އަޅުވެތިކުރަން އުޅޭކަމަށެވެ. މި ރާއްޖޭގައި ބޭރުގެ ބަޔެއްގެ އަޅުވެތިކަމެއް ނެތްކަމަށާއި އެހެންނަމަވެސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އަތުވެއްޖެނަމަ އެންމެން އަޅުވެތިވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ސޯލިހަކީ އޯގާތެރި، ކެއްތެރި، މަޝްވަރާކުރާ، ރުޅިމަޑު ވެރިއެއް ކަމަށެވެ. އަދި މިއިންއެއްވެސް ސިފައެއް ކައިރިކުރާ ހިސާބަށްވެސް ޑރ. މުއއިްޒު ނާންނަކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށްޓަކައި މިނިސްޓްރީއެއް އުފެއްދުމަށް މުޅި ދައުލަތުގެ ނިޒާމު އުވާލާން އުޅޭކަމަށާއި އެގޮތުން އެޓޯލްސް މިނިސްޓްރީ އުފައްދަން އުޅެނީ އަބްދުއްރަހީމްއަށް މިނިސްޓަރުކަން ދިނުމަށްކަމަށެވެ. މީގެއިތުރުން މުއިއްޒުގެ ވެރިކަމުގައި ޖެންޑާ މިނިސްޓްރީފަދަ މިނިސްޓްރީތައް އުވާލާނެކަމަށާއި އާސަންދައާއި އެންސްޕާ ފަދަ ކަންކަން އުވާލާނެކަމަށް އިމްރާން ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުމެން މިތިބީ ފުރިހަމަ މިނިވަންކަމާ އިސްތިގުލާލުގަ. އިންޑިއާ ސިފައިންގެ އެއްވެސް ބާރެއް މިގައުމަކު ނޯންނާނެ." އިމްރާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު ދެ ކެންޑިޑޭޓުންވެސް މިވަގުތު ތިއްބެވީ އައްޑޫސިޓީގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.