އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި ފިލްމަކީ އެ ދެ ތަރިންނާ އެކީ ގެނެސްދެމުން އަންނަ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. މިހާރު އެތަނުގެ ސްޕައި-ޔުނިވާސް އަށް ނިސްބަތްވާ "ޓައިގާ" ގެ ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" ގެނެސްދިނީ 2012 ގަ އެވެ. އެ ފިލްމު ލިޔެ، ޑައިރެކްޓްކުރީ ކަބީރު ޚާނެވެ. އަދި އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށް "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ 2017 ގަ އެވެ.
ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލާ ދިމާކޮށް "ޓައިގާ 3" ގެނެސްދެނީ މަނީޝް ޝަރުމާ ޑައިރެކްޓްކޮށެވެ. މި ފިލްމަކީ ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ސްޕައި-ޔުނިވާސްގެ ދަށުން ވައިއާރްއެފުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޖެނުއަރީގައި ޝާހްރުކް ޚާނާ އެކީ ރިލީޒްކުރި "ޕަތާން" އެވެ.
އޭގައި ސަލްމާންގެ ހާއްސަ ފެނިލުމެއް ހިމެނުނު ގޮތަށް "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއްގެ އިތުރުން، ސްޕައި-ޔުނިވާސް އަށް ނިސްބަތްވާ "ވޯ" ގެ އެކްޓަރު ރިތިކް ރޯޝަން ވެސް ހިމެނޭނެ އެވެ. އެ ފިލްމުގެ ދެވަނަ ބަޔަކަށް ތައްޔާރުވަމުން އަންނަ އިރު، 2019 ގެ "ވޯ" އަކީ ސިދާތު ޑައިރެކްޓްކުރި އެއްޗެކެވެ.
"ޓައިގާ 3" އަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވާ އިރު، މިހާރު އެންމެ ބޮޑު ސުވާލަކީ "ޕަތާން" ގެ ބޮކްސް އޮފީހުގެ ރެކޯޑްތައް އެ ފިލްމަށް މުގުރައިލެވޭނެތޯ އެވެ. ޖުމްލަ 225 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަށް އާމްދަނީގެ ގޮތުގައި 1،050.30 ކްރޯޑް ރުޕީސް (130 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
އިމްރާން ހާޝިމީ ވިލަންގެ ރޯލުން ފެންނާނެ "ޓައިގާ 3" އަކީ 300 ކްރޯޑް ރުޕީސް (36.1 މިލިއަން ޑޮލަރު) އިން ހަދާފައިވާ އެއްޗެކެވެ.