Last Updated: August 12, 13:27
Tuesday, August 12, 2025
ޚަބަރު

އައްޑު އަށް އަނިޔާވެރިވާ ސަރުކާރަކަށް ޖާގަ ނުދެއްވާ

އައްޑުއަށް އަނިޔާވެރިވާ ސަރުކާރަކަށް ޖާގަ ނުދެއްވުމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް އައްޑޫސިޓީގެ ކެމްޕޭން ޓީމްތަކާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ވައްކަމާއި އަނިޔާވެރިކަމަށް ފުރުސަތުދޭން ބޭނުންނޫންކަމަށްވަނީނަމަ ރައްޔިތުން އަދިވެސް ރަނގަޅަށް ވިސްނަން ޖެހޭކަމަށެވެ.

އައްޑޫގެ ރައްޔިތުންނަށް ތަރައްގީއެއްލިބެން އޮތީ އައްޑޫގެ ތަރައްގީގެ ޕްލޭނާއެއްގޮތަށް މަސައްކަތް ގޮސްގެންކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އައްޑޫގެ މަގުތަކުގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައި ހުންނަން ބޭނުން ނުވާކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް އައްޑޫގެ މަގުތަކުގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ދިޔަކަމަށާއި އެހެންނަމަވެސް ވެރިކަން ވެއްޓުމަށްފަހު އެ މަސައްކަތްވެސް ހުއްޓުނުކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އަދި ހޮސްޕިޓަލެއް އެޅުމަށް ބޭރުގެ ފަންޑް ހަމަޖެހިފައި އޮށްވާ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށްލީކަންވެސް ފާހަގަކުރެއްވިއެވެ.

"އައްޑޫއަށް އަނިޔާވެރިވާ ސަރުކާރަކަށް ޖާގަ ނުދެއްވާ. މުއިއްޒަކީ ހަމަ ހަގީގަތުގައިވެސް، ވަކިން ހާއްސަކޮށް މި އައްޑޫއަށް އެއްވެސް ކަހަލަ އަލިކަމެއް ދެއްކެވި ބޭފުޅެއް ނޫން." އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމެއް ބަދަލުވާ ކޮންމެ ފަހަރަކު އެންމެ ބޮޑު ހިތްހަދަތިކަމެއް ތަހައްމަލު ކުރިބަޔަކީ އައްޑޫގެ ރައްޔިތުން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ވީހާވެސް އަވަހަށް ވޯޓު ލެއްވުމަށް ގޮވާލައްވާފައެވެ. އެގޮތުން މެންދުރު 12:00 ގެ ކުރިން ޕްލެޖް ވޯޓްތައްލާ ނިންމުމަށް އަސްލަމް ގޮވާލެއްވިއެވެ.