Last Updated: May 15, 11:03
Thursday, May 15, 2025
ޚަބަރު

ޔޫޓީއެފްއާ ގުޅުވައި ދައްކަނީ ފިތުނަވެރި ވާހަކަތައް

އުތުރުތިލަފަޅޭ ކިޔައިގެން ދައްކަނީ އައްޑޫ ޕޮލިސް އެކެޑެމީއޭ ކިޔައިގެން ދެއްކިފަދަ ފިތުނަވެރި ވާހަކަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް އައްޑޫސިޓީގެ ކެމްޕޭން ޓީމްތަކާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ނިކުމެ ތިބީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ރާއްޖޭގެ ތާރީހު ބަދަލުކޮށް އައްޑޫ ފަހުރުވެރި ކޮށްލަންކަމަށެވެ. ސެޕްޓެމްބަރު 30 ވަނަ ދުވަހަކީ އައްޑޫގެ ތަރައްގީ އަބަދުގެއަބަދަށް ތަރައްގީ ވެގެންދާނެ ދުވަސްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ތަފާތު ސަރުކާރުތަކުން އައްޑުއާމެދު އިހުމާލުވަމުންދިޔަގޮތް އައްޑޫގެ ރައްޔިތުންނަށް އެނގޭނެކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ އެހެން ސަރުކާރުތަކުން އައްޑޫ ބާކީކޮށްފައި އޮތްއޮތުން އައްޑޫގެ ރައްޔިތުން ހަނދާނުން ނައްތާލައިގެން ނުވާނެކަމަށެވެ.

"ރައީސް ޔާމީންގެ ފަސް އަހަރުދުވަހުގެ ތެރޭގައި މިހާރުގެ ކެންޑިޑޭޓް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން މި އައްޑޫގައި ބޭއްވި އެންމެ ގާބުރިއެއް ދައްކަން ކެރޭ އައްޑޫގެ ރައްޔިތަކު އެބަހުރިތޯ؟ މިއީ އެބޭފުޅުންގެ ކަންތައްތައް ހުރި މިންވަރު." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އައްޑޫގެ ރައްޔިތުންނަށް ފައިދާވާގޮތަށް ޕޮލިސް ޓްރެއިނިން ސެންޓަރެއް އެޅުމުން އެކަމުގައިވެސް ފިތުނަ އުފެއްދުމަށް ވާހަކަ ދެއްކިކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ އެކަމުގައިވެސް ދައްކަމުންދިޔައީ ހުސް ހޮޅި ވާހަކަ ކަމަށެވެ. އެ ފިތުނައިގެ ވާހަކައިގެ ބޭނުމަކަށްވީ އައްޑޫގައި އަޅަމުންދިޔަ ޓްރެއިނިން ސެންޓަރުގެ މަސައްކަތް ހުއްޓުވާލުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހުއްޓުނުނަމަ އެކަމުގެ ގެންލުންވާނީ އައްޑޫގެ ރައްޔިތުންނަށްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އައްޑޫ ޕޮލިސް އެޑެޑެމީއާ ގުޅުވާ އޭރު ފިތުނަވެރި ވާހަކަ ދެއްކި ފަރާތްތައް މިއަދު އެކަމާ ގުޅުވާ އެއްވެސް ވާހަކައެއް ނުދައްކާކަން ފާހަގަކުރަައްވާ ޝާހިދު ވިދާޅުވީ އެތަނުގައި އިންޑިއާގެ ސިފައިން ނެތްކަމަށާއި އެތަނުން ތަމްރީން ދެނީ ދިވެހި ސިފައިންނާއި ފުލުހުންނަށް ކަމަށެވެ. އަދި މިއަދު އުތުރުތިލަފަޅޭ ކިޔައިގެންވެސް ދައްކަނީ ހަމަ އެފަދަ ހޮޅި ވާހަކަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެއީ މިރާއްޖެއަށް ޑްރަގް ވަދެދާނެ ދިމަދިމާ ކޯސްޓްގާޑުން ބަންދުކޮށް ހަދާފާނެތީ އެކަމާ ތެޅިބާލާ ބޭލުމެއް. އެއީ މި ވެގެން އުޅޭ ގޮތަކީ. ރަނގަޅަށް ދުވާ އޮޑިފަހަރާ އެއްޗެހީގައި ނިކުމެ ޑްރަގް ވިޔަފާރިވެރިން ހުއްޓުވައިފިއްޔާ އޭގެ ގެއްލުންވާނެ މީހުން މިއަދު ފިތުނަ ދޮލަނގު ބޮލަށްލައިގެން ނިކުމެ އުޅެނީ. އެކަމަށް ފުރުސަތު ނުދެއްވާ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސެޕްޓެމްބަރު 30 ވަނަ ދުވަހަކީ އައްޑޫގެ ރައްޔިތަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުވާ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން އެކަމަށް މުޅި އައްޑު އެކީ އަތުގުޅާލައިގެން ނުކުތުމަށް ޝާހިދު ގޮވާލެއްވިއެވެ.