Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

އިންޑިއާ އިން އޮސްކާ އަށް "2018"

އަންނަ އަހަރު ބާއްބާ 96 ވަނަ އޮސްކާ އެވޯޑްސް އަށް އިންޑިއާ ފޮނުވާ ފިލްމަކަށް މަލަޔާޅަމް ފިލްމެއް ކަމަށްވާ "2018: އިވަރީވަން އިޒް އަ ހީރޯ" ހޮވައިފި އެވެ.

މި ފިލްމަކީ 2018 ގައި ކެރަލާ އަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ގުޅިގެން ކުރިމަތިވާ އިންސާނީ ކާރިސާއެއް ދައްކުވައިދިން ސަވައިވަލް ތުރިލާއެވެ. ފިލްމު "2018" ގެ ޑައިރެކްޓަރަކީ ޖޫޑް އެންތަނީ ޖޯސެފެވެ.

އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާގެ އެންމެ މޮޅު ބޭރު ފިލްމު ކެޓަގަރީ އަށް ހުށަހަޅަން މި ފިލްމު ހޮވި އިރު، 22 ފިލްމެއް ވާދަކުރި އެވެ. އޭގެ ތެރޭގައި އެކި ބަހުރުވަތަކުން ހަދާފައިވާ ފިލްމުތައް ހިމެނެ އެވެ. އެގޮތުން ހިންދީ ފިލްމުތަކުގެ ތެރެއިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އާއި "ކެރަލާ ސްޓޯރީ" އާއި "ގޫމަރު" އާއި "ޓުވެލްތު ފެއިލް" އަދި "އަބް ތޯ ސަބް ބަގްވާން ބަރޯސޭ" ހިމެނެ އެވެ.

އޮސްކާ އަށް ފޮނުވާނެ ފިލްމެއް ކަނޑައެޅީ އެކަމަށް ހާއްސަ 16 މެމްބަރުންގެ ސިލެކްޝަން ކޮމިޓީއަކުންނެވެ.

މި އަހަރުގެ ކުރީކޮޅު ބޭއްވި 95 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބޭރު ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވިި ފިލްމަކީ ގުޖުރާތީ ބަހުން ގެނެސްދިން ޗެލޯ ޝޯ (ލާސްޓް ފިލްމު ޝޯ) އެވެ.

އިންޑިއާ އިން އޮސްކާ އަށް ފިލްމުތައް ފޮނުވާތާ އެތައް އަހަރެއްވީ އިރު، މިހާތަނަށް އެންމެ މޮޅު ފިލްމު ކެޓަގަރީ އަށް ނޮމިނޭޓްވީ އެންމެ ތިން ފަހަރު އެވެ. އެއީ އާމިރު ޚާންގެ 2001 ގެ "ލަގާން" އާއި މީރާ ނައިރުގެ 1988 ގެ "ސަލާމް ބޮމްބޭ" ގެ އިތުރުން ނަރުގިސްގެ 1957 ގެ "މަދާ އިންޑިއާ" އެވެ. އެކަމަކު އެއްވެސް ފިލްމަކަށް އެ ކެޓަގަރީން އެވޯޑެއް ނުލިބެ އެވެ.

މިދިޔަ އަހަރު އިންޑިއާ އިން އޮސްކާ އެވޯޑެއް ހޯދާފައިވެ އެވެ. އެއީ ފިލްމު "އާރްއާރްއާރް" ގެ ލަވަ "ނާޓު ނާޓޫ ނާޓޫ" އަށް ލިބުނު އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާ އެވެ. އަދި އިންޑިއާގެ ޝޯޓް ޑޮކިއުމަންޓަރީތައް އޮސްކާ ހޯދާފައިވެ އެވެ.