ދެވަނަ ދައުރެއްގައި ރިސޯޓު މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލަން ނިންމި އެންމެ ބޮޑު ސަބަބު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ދެވަނަ ބުރުގެ ކެމްޕޭނުގެ ތެރެއިން ރައީސް ވަނީ ރިސޯޓު މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހަމަޖައްސަން ގިނަ ކަންތައްތަކެއް އިއުލާންކުރައްވާފަ އެވެ. އެގޮތުން ރިސޯޓު މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ލިބޭނެ ގޮތް ހެދުމާއި، ރިސޯޓުތަކުގެ އެންމެ މަތީ މަގާމުތަކަށް ދިވެހިން ގެނައުމަށް ވެސް ހާއްސަ ކަންތައްތަކެއް ކުރާނެކަން ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވިޔަފާވެރިޔާ ސިޔާމްގެ ނުރުހުން ރައީސަށް އަމާޒުވި އެންމެ ބޮޑު އެއް ސަބަބަކީ ރިސޯޓު މުވައްޒަފުންނަށް ދެ ދުވަހުގެ ޗުއްޓީއެއް ލިބޭނެ ގޮތް ހަދަން ރައީސް އިއުލާންކުރެއްވި ސިޔާސަތެވެ. އެ ސިޔާސަތާ ގުޅިގެން ސީދާ ރައީސް ސޯލިހާއި ސިޔާމް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާއިރު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނަށް ފޯނުން ގުޅުއްވާ އެކަމުގައި ހުރި ނުރުހުންތައް ސިޔާމް ހިއްސާކުރެއްވި ކަމަށް "އައްޑޫލައިވް" އާއި މައުލޫމާތު ހިއްސާކުރެއްވި ފަރާތުން ބުންޏެވެ.
އެގޮތުން ރިސޯޓު މުވައްޒަފުންނަށް ދެ ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރިސޯޓުތަކަށް އިތުރު ބުރައަކަށް ވާނެ ކަމެއް ކަމާއި އިތުރު މުވައްޒަފުން އެކަމާ ގުޅިގެން ނަގަން ޖެހުން ފަދަ ކަންބޮޑުވުންތައް ސިޔާމް ހިއްސާކުރެއްވި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
މީގެ އިތުރުން ދެ ދުަވަސް މުވައްޒަފުންނަށް ޗުއްޓީ ދިނުމުން އެފައިސާ މުވައްޒަފުންނަށް ދެނީ ސަރުކާރުންތޯ ބުނެ ސިޔާމް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ރޭގެ ވަގުތެއްގައި ސިޔާމް ވަނީ އޭނާގެ ޕާޓީގެ ތާއިދު އަނބުރާ ގެންގޮސް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒުއަށް ތާއިދު ކުރަން ނިންމާފައެވެ.
ސިޔާމްގެ ނުރުހުން މިކަމުގައި ހުރިއިރު ސަރުކާރުން ރިސޯޓު މުވައްޒަފުންގެ ކުރިއެރުމަށް ގިނަ އުނދަގޫ ނިންމުންތަކެއް މި ދައުރުގެ ތެރޭގައި ވަނީ ނިންމަވާފަ އެވެ. އެގޮތުން މަސައްކަތްތެރިންގެ ބައިވެރިވުމާއި މަޝްވަރާއާއެކު މިނިމަމް ވޭޖް ކަނޑައެޅުމާއި 10 ފަސެންޓު ސާވިސް ޗާޖް ނެގުން ލާޒިމުކޮށް، މޮނީޓާ ކުރުމުގެ ނިޒާމް ހަރުދަނާކޮށް ގާނޫނަށް އިސްލާހު ގެނެސް ތަންފީޒުކުރަން ފެށުމާއި ރިސޯޓު މުއައްޒަފުން އެދުނު ގޮތަށް ބޮޑު ޗުއްޓީ ބަދަލުކުރުން ހިމެނެ އެވެ.
މި ދައުރުގެ ތެރޭގައި މި ސަރުކާރުން ޓޫރިޒަމް ދާއިރާ އަށް ކޮށްދީފައިވާ ކަންކަމުގެ ސަބަބުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދުކުރަން ވަނީ ނިންމައިފަ އެވެ.