Last Updated: May 11, 15:16
Sunday, May 11, 2025
ކުޅިވަރު

ލީގު ކަޕުން ސިޓީ ކަޓައިފި

ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ 1-0 އިން އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުރުން މެންޗެސްޓާ ސިޓީ ކަޓައިފި އެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ސިޓީން ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ލީޑު ނަގަން އެޓީމުގެ އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

ދެވަނަ ހާފަށް ނިއުކާސަލް ނިކުތީ ބަދަލުތަކާއެކު ކަމަށްވާއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޑެންގެ ފޯވާޑް އަލެކްސަންޑަ އިސާކް އެވެ. އިސާކް މި ގޯލު ކާމިޔާބު ކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި މޮޅު ކުޅުމެއް ދެއްކި ނިއުކާސަލުން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގައި ނިއުކާސަލް ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާ އެވެ. މި މުބާރާތުގެ މިދިޔަ ސީޒަނުގެ ފައިނަލްގައި ވެސް ބައްދަލުކުރީ މި ދެ ޓީމެވެ. ޔުނައިޓެޑުން ނިއުކާސަލްގެ މައްޗަށް އެފަހަރު ކުރި ހޯދީ 2-0 އިންނެވެ.

މުބާރާތުގެ ތިންވަނަ ބުރުގައި ރޭ ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބްރައިޓަން ބަލިކޮށް އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. އަދި ލިވަޕޫލުން ފަހަތުން އަރައި 3-1 އިން ލެސްޓަ ސިޓީ ބަލިކުރިއިރު އެވަޓަން އިން ވަނީ ރަށުން ބޭރުގައި އެސްޓަންވިލާގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ.