ޝާހްރުކް ޚާނާ އެކީ ފިލްމެއް ހަދަން އުޅޭކަމުގެ އިޝާރާތެއް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ދީފި އެވެ.
އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ އޭނަގެ އެންމެ ފަހުގެ ފިލްމު "ކޫފިޔާ" ގެ ޕްރޮމޯޝަންގެ ތެރެއިން ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ކުޅަދާނަ ޑައިރެކްޓަރު ބުނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ޝާހްރުކްގެ "ޖަވާން" އަކީ ވަރަށް ކަމުދިޔަ ފިލްމެއް ކަމަށެވެ. އަދި އެ ބަލާފައި ޝާހްރުކާ އެކީ ވަރަށް ދިގުކޮށް ވާހަކަތަކެއް ދެކެވުނު ކަމަށް ވެސް ވިޝާލް ބުންޏެވެ.
"އެހެންވެ އުންމީދަކީ މާ ދުރު ނޫން މުސްތަގުބަލެއްގައި އަހަރެމެން ދެ މީހުންނަށް ޕްރޮޖެކްޓަކާ ހަމައަށް އާދެވޭނެ ކަމަށް. އަހަރެން ވަރަށް ބޭނުންވޭ ޝާހްރުކާ އެކީ މަސައްކަތްކުރަން. އެގޮތުން ކުރިން ވެސް މިފަދަ ވާހަކަތަކެއް އޮތީ ދެކެވިފައި،" އޭނަ ބުންޏެވެ. "އެކަމަކު ކަން ދިމާކުރި ގޮތުން މިހާތަނަށް އެކަން ނުވެ އޮތީ. އެކަމަކު މި ފަހަރު ގަބޫލުކުރަނީ މިކަންް ވާނެ ކަމަށް."
"އޯމްކާރާ" އާއި "ކަމީނޭ" އަދި "މަގުބޫލު" ފަދަ މަގުބޫލު އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު ބުނީ އޭނައާ އެކީ ޝާހްރުކް ވެސް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށެވެ. އެހެންވެ އުންމީދަކީ ލަސްތަކެއް ނުވެ ދެ މީހުން ޕްރޮޖެކްޓެއް އިއުލާން ކުރުން ކަމަށް ބުންޏެވެ.
ޝާހްރުކާ އެކީ 2010 ހިސާބުގައި ވިޝާލް "2 ސްޓޭޓްސް" ހަދަން ޕްލޭންކުރި އެވެ. އެ ފިލްމަކީ ފަހުން 2014 ގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އަބީޝެކް ވަރުމަން ޑައިރެކްޓްކުރި އެއްޗެކެވެ. ލިޔުންތެރިޔާ ޗޭތަން ބަގަތުގެ ވާހަކަ "2 ސްޓޭޓްސް" އަށް ހެދި ފިލްމު ކުޅުނީ އަރުޖުން ކަޕޫރާއި އާލިއާ ބަޓެވެ.
ފުލުފުލުގައި މިހާރު ބޮޑެތި ބްލޮކްބަސްޓާތައް ގެނެސްދެމުން އަންނަ ޝާހްރުކްގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 22 ގައި ރިލީޒްކުރާ "ޑަންކީ" އެވެ. މިއީ މި އަހަރު ގެނެސްދޭ އޭނަގެ ތިން ވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ "ޕަތާން" އެވެ.