އޮކްޓޫބަރު މަހުގެ 1 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބެނެފައިވަނީ މިގޮތަށް ރައީސް ނިންމެވީ، ސެޕްޓެންބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވެފައި، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ ކަމަށެވެ.
އަދި އެ ދުވަހާ ގުޅިގެން، އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރު 30 ވަނަ ދުވަހު އޮންނައިރު، އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ފޯރީގައި ކެމްޕޭން ކުރިއަށް ގެންދަވަމުންނެވެ.