މިއަދު ފާހަގަކުރަމުން އަންނަ އެކްޓަރު ރަންބީރް ކަޕޫރްގެ 41 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނަގެ އާ ފިލްމު "އެނިމަލް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
މި އަހަރުގެ ޑިސެމްބަރު 1 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ ގޭންގްސްޓާ ޑާކް ތުރިލާއެކެވެ. ރަންބީރްގެ ވަރަށް އަނިޔާވެރި ރޯލެއް ފެންނާނެ "އެނިމަލް" ގައި އޭނަގެ ބައްޕަގެ ރޯލު ކުޅެފައި ވަނީ އަނިލް ކަޕޫރެވެ. އަދި އޭނަގެ އަންހެނުންގެ ރޯލުން ފެންނާނީ ރަޝްމިކާ މަންދަނާ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ބޮބީ ޑިއޯލް، ޓްރިޕްތީ ދިމްރީ، ޝަކްތީ ކަޕޫރް އަދި ސުރޭޝް އޮބެރޯއީ ވެސް ހިމެނެ އެވެ.
މި ފިލްމަކީ ސަންދީޕް 2019 ގައި ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީއާ އެކީ ގެނެސްދިން ކާމިޔާބު ފިލްމު "ކަބީރު ސިންގް" އަށް ފަހު ގެނެސްދޭ ފުރަތަމަ ފިލްމެވެ. އެ ފިލްމާ އެއްގޮތަށް "އެނިމަލް" ވެސް ޕްރޮޑިއުސްކޮށްފައި ވަނީ ބުޝަން ކުމާރުގެ ޓީ ސީރީޒުންނެވެ.
މި ފިލްމަކީ ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ރަންބީރުގެ މި އަހަރުގެ ދެވަނަ ފިލްމެވެ. ކުރިން ގެނެސްދިން އޭނަގެ ފިލްމަކީ މާޗްގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ، މޭ މައްކާރު" އެވެ.