Last Updated: May 15, 11:22
Thursday, May 15, 2025
ޚަބަރު

ޝިފާއު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓައިފި

މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލާފައިވާ ހުސައިން ޝިފާއު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ވަގު ޓީޓީ ހަދައިގެން ރާއްޖޭން ބޭރުން މުދާ އެތެރެކުރުމުގެ މުއާމަލާތް ހިންގި މައްސަލާގައި ހައްޔަރުކުރި ހުސައިން ޝާފިއު ދޫކޮށްލާފައިވަނީ މޭ 27 ވަނަ ދުވަހުއެވެ. އޭގެފަހުން ޝިފާއު ފިލުމުން އޭނާ ހޯދުމަށް އޮތީ އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފައެވެ.

ރެޑް ނޯޓިސް ނެރުމުން ޝިފާއު ރާއްޖެ އައުމުން ހައްޔަރުކޮށްފައިވާއިރު ފަހުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާކަމަށެވެ. އެގޮތުން އޭނާގެ ޕާސްޕޯޓް މިހާރު އޮތީ ހިފަހައްޓާފައެވެ.

މި މައްސަލައިގައި ޝިފާއުގެ މައްޗަށް ވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ 7 ދައުވާއެއް އުފުލާފައެވެ.

މި މައްސަލައިގައި ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް އުފުލާފައިވާއިރު ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 ރުފިޔާއެވެ. މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ދައުވާގައި ހުށަހަޅާފައިވެއެވެ.