Last Updated: May 11, 12:55
Sunday, May 11, 2025
މުނިފޫހިފިލުވުން

ކަރީނާ އާއި އާލިއާގެ އިޝްތިހާރެއް

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެންނަ އިޝްތިހާރެއް ދައްކާލައިފި އެވެ.

މިއީ އިންޑިއާގެ މަޝްހޫރު ގަހަނާ ބްރޭންޑެއް ކަމަށްވާ މަލާބާރްގެ އިޝްތިހާރެކެވެ.

މި އިޝްތިހާރު އިއްޔެ އާންމުކުރުމުގެ ކުރިން މީގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް މިދިޔަ މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ހިއްސާކޮށް ކަރީނާއާ އެކީ ފިލްމެއް ކުޅެން ބޭނުންވާ ކަމަށާއި ކޮންމެ ވެސް ބަޔަކު އެފަދަ ފުރުސަތެއް ފަހިކޮށް ދޭން އާލިއާ އެދިފައިވެ އެވެ.

މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ އަކީ ކަރީނާގެ ފަހަރިއެކެވެ. އޭނަގެ ފިރިމީހާ ރަންބީރް ކަޕޫރަކީ ކަރީނާއާ ދެބޭންގެ ދެދަރި އެކްޓަރެކެވެ.

ކަރީނާ އާއި އާލިއާ ކުރިން އެއް ފިލްމެއްގައި މަސައްކަތްކުރި އެވެ. އެއީ 2016 ގެ "އުޅުތާ ޕަންޖާބު" އެވެ. އެކަމަކު އޭގައި އެ ދެ މީހުން އެކީގައި ފެނިފައެއް ނުވެ އެވެ.

ކަރީނާ އާއި އާލިއާ އަކީ ޑައިރެކްޓަރު ކަރަން ޖޯހަރް 2018 ގައި އިއުލާންކުރި އެކަމަކު ހެދުން ހުއްޓާލާފައި އޮތް ފިލްމު "ތަހުތު" ގެ ކާސްޓްގައި ވެސް ހިމެނޭ ދެ ތަރިންނެވެ. އެ ތާރީހީ ފިލްމަށް ނެގި ތަރިންގެ ތެރޭގައި ރަންވީރު ސިންގް، ޖާންވީ ކަޕޫރް، ވިކީ ކޯޝަލް، ބޫމީ ޕިޑްނޭކަރް އަދި އަނިލް ކަޕޫރް ހިމެނެ އެވެ.