ހުޅުމާލޭގައި ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ކޮމްޕެނީ ލިމިޓެޑް (ހަންބޯ ޓެކް) އިން ފަށާފައިވާ ހައުސިން މަޝްރޫއު، ކޭ ޕާރކް ޕްރޮޖެކްޓް އާ ގުޅޭގޮތުން ލޯ ކްރާފްޓް ކިޔާ ލޯފާރމަކުން ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ދޮގު ވާހަކަ ދައްކާ ކަމަށްބުނެ އެ މަޝްރޫއުގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަންޑޭގެ ވަކީލުން އިއްޔަ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ފަށާފައިވާ ހައުސިން މަޝްރޫއު، ކޭ ޕާރކް ޕްރޮޖެކްޓަކީ ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ކޮމްޕެނީ ލިމިޓެޑުގެ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓަކީ އެޗް.ޑީ.ސީ އާއެކު ހަންބޯ ކޮމްޕެނީ ލިމިޓެޑުން 2016 އޮކްޓޯބަރ 9 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި، އެއްވެސް ޙާލެއްގައި ހަންބޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ނޫންކަމަށެވެ. ހަންބޯ ކޮމްޕެނީ ލިމިޓެޑަކީ ކޮރެއާގެ ކުންފުންޏެވެ. ހަންބޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ލޮޖިސްޓިކްސް ހަމަޖެއްސުމާއި، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އާންމު އިދާރީ ކަންކަން ކުރުމަށް އުފައްދާފައިވާ ކުންފުންޏެއްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ލޯ ކްރާފްޓުން ތަމްސީލު ކުރަނީ ހަންބޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
"މި ޕްރޮޖެކްޓަކީ ހަންބޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޕްރޮޖެކްޓެއް ނޫންކަމާއި، މިއީ ލޯ ކުރާފްޓުން އޮޅުވާލައިގެން ސީދާގޮތެއްގައި ދިވެހި ރައްޔިތުންނަށް ގެއްލުން ލިބޭގޮތަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ހިންގާ ބޮޑުވެގެންވާ ބޮޑު ޖަރީމާއެއް ކަމުގައި ދަންނަވަމެވެ. ލޯކުރާފްޓުގެ މި ސްކޭމްގައި ނުޖެހުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ." މަންޑޭގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
https://x.com/Hanippe66/status/1707327356610953571?s=20
މަންޑޭގެ ވަކީލުން ނެރެފައިވާ ނޫސްބަޔާނުގައި ތުހުމަތު ކޮށްފައިވާގޮތުން މިޕްރޮޖެކްޓުގެ ތެރެއަށް ޗައިނާގެ ރައްޔިތެއްކަމަށްވާ ޖިންޝި ހޫ ވަދެ، ހަންބޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ ނަގައި، ފައިސާ ރާއްޖެއިން ބޭރުކޮށް މަންޑޭއާ މެދު މާރާމާރީ ހިންގައި މަރުގެ އިންޒާރުދީފައިވާ ކަމަށެވެ. އަދި ހަންބޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އޮފީހުގައި ހުރި މިޕްރޮޖެކްޓާ ގުޅޭ އެންމެހައި ލިޔުންތަކާއި ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
މި ޕްރޮޖެކްޓުގެ ނުނިމިހުރި މަސައްކަތް ނިންމާލުމަށް މަސައްކަތްކުރަމުން ދަނިކޮށް ލޯކްރާފްޓުން އިސްވެ އޮވެ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ޤާނޫނާއި ޝަރުއީ ހަމަތަކާ ހިލާފަށް މަމްދޫހު ހަންބޯ މޯލްޑްވްސްގެ ޑިރެކްޓަރުންގެ ބޯޑުން ބޭރުކޮށްފައިވާކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ. އަދި އެކަމާ ގުޅުންހުރި ކަންކަން ޝަރީއަތަށް ހުށަހަޅާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. މަމްދޫހުގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ، މި މައްސަލައިގެ ތެރެއިން ލޯ ކުރާފްޓްގެ ވަކީލުން އަމަލުކުރި ގޮތް ބާ ކައުންސިލަށް ހުށަހަޅާފައިވާކަންވެސް ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ހަންބޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން މި ޕްރޮޖެކްޓުގެ ލިޔުންތަކާއި ތަކެތި ނެތްކަމަށް ބުނެ މަންދޫހު ހައްޔަރުކުރިކަން ފާހަގަކޮށް ނޫސްބަޔާނުގައި ބުނެފައިވަނީ އެތަކެތި ގެންދިޔައީ ޗައިނާގެ ރައްޔިތެއްކަމަށްވާ ޖިންޝީހޫ ކަމާއި، އެކަމުގެ ވީޑިއޯ ދިވެހި ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިކަމުގައި ޖިންޝީހޫ ހިންގާފައިވާ ކަންކަން ބަލައިދިނުމަށްއެދި ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި އެހެންނަމަވެސް އެކަންކަން ނުބަލާކަން ފާހަގަކޮށްފައިވެއެވެ.