Last Updated: May 9, 15:12
Friday, May 9, 2025
މުނިފޫހިފިލުވުން

ސްކްރީނަށް އާ ޖޯޑެއް ގެންނަނީ

އެކީގައި އަދި ފިލްމަކުން ފެނިފައި ނުވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ ޓްރިޕްތީ ދިމްރީއާ އެކީ ފިލްމެއް ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒާއި އެކްތާ ކަޕޫރްގެ ބާލާފީ ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" އެވެ. ނުވަދިހައިގެ ތެރޭގައި ހިނގާ މަޖާ ހާދިސާތަކެއް ދައްކުވައި ދޭނެ މި ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ޑްރީމް ގާލް 2" ގެ ޑައިރެކްޓަރު ރާޖް ޝާންޑަލިއާ ލިޔެ، ޑައިރެކްޓްކުރާ މާސް އެންޓަޓައިނާއެކެވެ.

"ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ގެ ކާސްޓަށް ރާޖާއި ޓްރިޕްތީ ނެގި އިރު، ރާޖަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެކެކެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. "ބެރިލީ ކީ ބަރްފީ" އާއި "ގޭންގްސް އޮފް ވަސޭޕޫރް" އާއި "ސިޓީ ލައިޓްސް" އާއި "އިސްތިރީ" ގެ އިތުރުން "ބަދާއީ ދޯ" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ "ބީޅް" އެވެ.

ފިލްމު "ލައިލާ މަޖުނޫ" އިން ވިދައިލި ޓްރިޕްތީ އަކީ މިހާރު ކުރިއަރަމުން އަންނަ ބަތަލާއެކެވެ. "ބުލްބުލް" އާއި "ގަލާ" ގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކުރާ ރަންބީރް ކަޕޫރްގެ "އެނިމަލް" އެވެ. އަދި އަންނަ އަހަރު އޭނަ ވިކީ ކޯޝަލާ އެކީ ކުޅެފައިވާ "މޭރޭ މެހެބޫބް މޭރޭ ސަނަމް" ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

"ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.