ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ހާއްސަ ލަވައެއް މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ނެރެފި އެވެ.
އުނޫޝާ ނެރުނު ލަވައިގެ ނަމަކީ "ވާނެ" އެވެ. މި ލަވައިގެ ޅެން ހަދާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.
ރައީސް ސޯލިހުގެ ކެމްޕޭނަށް ހާއްސަ ލަވައެއް އުނޫޝާ ނެރުނުއިރު އޭނާ ދާދިފަހުން ވަނީ އެމްޑީޕީ އަށް ސޮއިކޮށްފަ އެވެ.
ވާނެ
ވާނެ – އުނޫޝާ
ޅެން: މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)
އަޑު: އުނޫޝާ
ރާގު: އުނޫޝާ އަދި ބާޗީ
ރިކޯޑިންގް އަދި މިކްސިންގް: ސައުންޑް ސްކޮޑް ސްޓޫޑިއޯ
ލިރިކްސް ވީޑިއޯގެ ފޮޓޯތަށް: އެމް ޑީ ޕީ ގެ ސޯޝަލް މީޑިއާ ޕޭޖްތަކުން
ޕްރޮޑިއުސް ކުރީ: ސައުންޑް ސްކޮޑް ރިކޯޑްސް
©Sound Squad Records… pic.twitter.com/yQWHSNQc2F— Unoosha (@unoosha) September 28, 2023
އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުންތަކެއް މިއަދު ވަނީ ރައީސް ސޯލިހަށް ތާއީދުކުރާކަން ވެސް ހާމަކޮށްފަ އެވެ. ސޯލްޓް ކެފޭ އިމާރާތުގައި ހުންނަ ރައީސް ސޯލިހުގެ ކެމްޕޭނު އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ފިލްމީ ދާއިރާގެ ފަންނާނުންނާއި، މިޔުޒީޝަނުންނާއި، ފޮޓޯގްރާފަރުންތަކެއް ވަނީ ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ، ދެ ވަނަ ބުރުގެ ވޯޓުލާން ވީހާ ވެސް ގިނަ ބަޔަކު ނެރެދިނުމަށް، ފަންނާނުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެކަން ކޮށްދީ ވޯޓުގެ ޔަގީންކަން ވެސް ފަންނާނުން ދިން ކަމަށް ރައީސްގެ ކެމްޕޭން އޮފީހުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.
އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.