Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

ސޯނަމްގެ އާ ފިލްމަކީ "ބެޓްލް އޮފް ބިޓޯރާ"

އަންނަ އަހަރުގެ ތެރޭގައި ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް ބުނެފި އެވެ.

ދެހާސް އަށާރައިގައި ކައިވެނިކުރި ފަހުން ފިލްމީ މަސައްކަތްތަކާ ވަރަށް ދުރުގައި އުޅޭ ބަތަލާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަގެ އާ ފިލްމަކީ ލިޔުންތެރިޔާ އަނޫޖާ ޗޯހަންގެ 2010 ގެ ވާހަކަ "ބެޓްލް އޮފް ބިޓޯރާ" އަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. ސޯނަމްގެ 2019 ގެ "ދަ ޒޯޔާ ފެކްޓާ" އަކީ އަނޫޖާ ހަމަ އެ ނަމުގައި ގެނެސްދިން ވާހަކަ އަށް ހަދާފައިވާ އެއްޗެކެވެ

"ދަ ބެޓްލް އޮފް ބިޓޯރާ" އަށް ސޯނަމް ފިލްމެއް ކުޅޭ ވާހަކަ މީގެ އަހަރުތަކެއް ކުރިން ވެސް ދެކިފައިވެ އެވެ، އެ ވާހަކައިގެ ރައިޓްސް ހޯދާފައި ވަނީ ސޯނަމާއި އޭނަގެ ކޮއްކޮ/ޕްރޮޑިއުސަރު ރިއާ ކަޕޫރެވެ. "ބެޓްލް އޮތް ބިޓޯރާ" ހަދާނީ އެ މީހުންގެ އާއިލީ ފިލްމު ކުންފުނި، އަނިލް ކަޕޫރް ފިލްމްސް ކޮމްޕެނީންނެވެ.

ސޯނަމް ބުނި ގޮތުގައި ފިލްމުގެ ސްކްރިޕްޓް މިހާރު އޮތީ ނިންމައިފަ އެވެ.

"އެހެންވެ މިހާރު ކުރިއަށް ދަނީ ފިލްމުގެ ޑައިރެކްޓްކުރާނެ މީހަކު ހަމަޖެއްސުމާއި ބަތަލަކު ހޯދުމުގެ މަސައްކަތް." އަނިލްގެ ދޮށީ ދަރިފުޅު ބުންޏެވެ.

ކޮމިކް އާޓިސްޓަކު، ކުރީގެ ޝާހީ އާއިލާއެއްގެ ބަޔަކާ އިންތިހާބެއްގައި ވާދަކުރަން ނުކުތުމާ ގުޅިގެން ދިމާވާ ހާދިސާތަކެއް ކިޔައިދޭ "ބެޓްލް އޮފް ބިޓޯރާ" އާ ބެހޭ ގޮތުން ސޯނަމް ބުނީ މިއީ ވަރަށް ޝައުގުވެރި، ރީތި ވާހަކައެއް ކަމަށެވެ.

"އޭގައި އަހަރެން ކުޅޭ ކެރެކްޓާ އަކީ ވާހަކަ ކީ ހިސާބުން ވެސް ހިތުން ވަރަށް ހާއްސަ ޖާގައެއް ދެވިފައިވާ ކެރެކްޓާއެއް. އެހެންވެ ވަރަށް އުފާ ވެސް ކުރަން މި ކެރެކްޓާ ކުޅެވޭތީ." އޭނަ ބުންޏެވެ.

ފިލްމު "ސާވަރިއާ" އިން 2007 ގައި ބޮލީވުޑަށް ނުކުތް ސޯނަމްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖުލައި މަހު ޖިއޯ ސިނެމާ އިން ޕްރީމިއާކުރި "ބްލައިންޑް" އެވެ. މިއީ 2021 ގައި ނިންމު ފިލްމެކެވެ.