Last Updated: June 15, 03:20
Sunday, June 14, 2026
ޚަބަރު

ހެލިކޮޕްޓަރުތަކާ އެކީ ތިބި މީހުން އިތުރެއް ނުވޭ

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކެޕްޓަރ އާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓު ކުރުމުގައި ހަރަކާތްތެރިވާ މީހުންނާއި އެމީހުންގެ ދައުރަށް މި ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުތަކުން އިންޑިއާ އާއި އެކު ހަދާފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ރާއްޖޭގައި އޮޕަރެޓު ކުރަމުންދާ ހެލިކެޕްޓަރ އާއި ޑޯނިއާ މަތިންދާ ބޯޓާއި ގުޅޭގޮތުން މިފަދަ ފިތުނަވެރި ވާހަކަ ތަކެއް ދައްކަބން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ރާއްޖެއަށް ފުރަތަމަ ހެލިކެޕްޓަރ ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ. އަދި ދެވަނަ ހެލިކެޕްޓަރ ރާއްޖެ ގެނައީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ. ހެލިކެޕްޓަރ ރާއްޖެ ގެނައި އިރު ޑިފެންސް މިނިސްޓަރ އަކީ މިހާރު ޕީއެންސީ އާއި އެކު ކޯލިޝަން ހަދާފައިވާ އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބި ކަމަށް ބުނެ ޕީޕީއެމްއިން އަންނަނީ ސީރިއަސް ތުހުމަތުތަކެއް ސަރުކާރަށް ކުރަމުންނެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރުތަކަށް އިންޑިއާއިން ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ބުނެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަރ އާއި ޕީޕީއެމް/ ޕީއެންސީއިން ދަނީ އަޑު އުފުލަމުންނެވެ.

ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުތަކުން ގެނައި ހެލިކެޕްޓަރ އާއި ޑޯނިއާ ބޯޓުގެ އެއްބަސްވުން އެ ފަރާތްތަކުން ހަދައި އެމްޑީޕީގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަނީ ސަރުކާރާއި ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތުމުން ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށްކަމަށެވެ.

ޝާހިދު ވިދާޅުވީ 2011 އިން ފެށިގެން ހެދިފައިވާ އެއްބަސްވުން ތަކާއި އެއްގޮތަށް އެ އަދަދަށް އެ އޮޕަރޭޓު ކުރާ މީހުން ރާއްޖޭގައި ތިބޭނެ ކަމަސް އިދިކޮޅު ފަރާތްތަކަށް މާ ރަނގަޅަށްވެސް އެނގޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މީގެ ކުރިން އައްޑޫގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕޮލިސް އެކަޑަމީ އިމާރާތް ކުރަމުން ދިޔަ އިރު އެތަނަކީ މިލިޓަރީ ބޭހެއް ކަމަށާއި، އެތަނުގައި ތިބޭނީ އިންޑިއާ ސިފައިން ކަމަށް ބުނެ އެތައް ޖަލްސާއެއްގައި ވާހަކަ ދައްކައި އެތައް ކެމްޕެއިނެއް ކުރިއެވެ. އަދި އެވާހަކަތައް ބައެއް ފަރާތްތަކުން ގަބޫލްވެސް ކުރިއެވެ. ނަމަވެސް އެ އިމާރާތް ހުޅުވައި އަހަރުވެގެންދާ އިރު އެތަނަކީ ސީދާ ދިވެހި ފުލުހުން ހިންގާ ތަނެކެވެ.