ހުރިހާ ދާއިރާއަކުން ވެސް ހޯދަމުން އަންނަ ކުރިއެރުންތަކާ އެކީ 2047 އާ ހަމައަށް އަންނަ އިރު، އިންޑިއާ ވާނީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމަށް ކަމަށް އެ ގައުމުގެ ޔުނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވެއްޖެ އެވެ.
"ދަ ރައިޒިން" އިންޑިއާ ތީމްގެ ދަށުން މިހާރު ކުރިއަށްދާ 118 ވަނަ ޕީއެޗްޑީ ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ އަހަރީ ބައްދަލުވުމުގައި މިއަދު އޭނަ ވިދާޅުވީ އިންޑިއާ މިހާރު އަންނަނީ މުޅި ދުނިޔެ އަށް އެ ގައުމަކީ ކިހާ ވަރުގަދަ ގައުމެއްކަން ސާބިތުކޮށް ދެމުން ކަމަށެވެ. އެގޮތުން އިންޑިއާ އިން މިދޔަ މަހުގެ ތެރޭގައި ހަނދަށް އުޅަނދެއް ފޮނުވުމާއި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ހާއްސަކުރަން ފާސްކުރުން ފަދަ ކަންކަމާ އެކީ އިންޑިއާ އަންނަނީ ދުނިޔެ އަށް ނަމޫނާ ދައްކަމުން ކަމަށް އަމިތު ޝާހު ވިދާޅުވި އެވެ.
އެގޮތުން ދާފި ފަހުން ބޮޑުވަޒީރު ނަރެންރުދަ މޯދީ ވެސް ވިދާޅުވި ގޮތަށް އިންޑިއާގެ އަމާޒާއި މިސްރާބު މިހާރު ހުރީ، އެކި ދާއިރާތަކުން ދުނިޔޭގެ އެއް ވަނަ ގައުމަށް ވާން ކަމަށް ވިދާޅުވި އެވެ.
އަމިތި ޝާހު ވިދާޅުވީ އިންޑިއާގެ މިނިވަންކަމަށް 2047 ގައި 100 އަހަރު ފުރޭ އިރު، އެ އަހަރަކީ މުޅި އިންޑިއާ ފަހުރުވެރި ވާނެ އަހެރެއް ކަމަށެވެ.
"އަހަރެމެންނަށް ކުރިއަށް މިއޮތް ފަންސަވިސް އަހަރަކީ ވަރަށް ހާއްސަ މުއްދަތެއް. މި ދުއްދަތުގެ ތެރޭގައި އިންޑިއާގެ އަމާޒަކީ ހުރިހާ ދާއިރާއަކުން އެންމެ ބޮޑު ކުރިއެރުންތައް ހޯދާ ގައުމަށްވުން،" އަމިތު ޝާހު ވިދާޅުވި އެވެ. "އެކަން ކުރެވޭނެ. މިއީ އެ މަސައްކަތް ހިތްވަރަކާއި ޖޯޝަކާ އެކީ ފަށައި ގަންނަން ވެސް ވީ ވަގުތު."
އޭނަ ވިދާޅުވި ގޮތުގައި ސަރުކާރުން ގައުމު ބިނާކޮށް ކުރިއަރުވަން ކުރާ މަސައްކަތަށް ބަލާ އިރު، ތައުލީމީ ދާއިރާ އަކީ ވަރަށް ހާއްސަ ދާއިއެކެވެ އެގޮތުން އިންޑިއާ އިން އެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނަ އަންނަ އިރު، އިންޑިއާ ބިނާކުރުމުގައި ގައުމުގެ ވަރުގަދަ ސިކުނޑިތަކުގެ ބޭނުން ހިފާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ ތައުލީމީ ދާއިރާ އަކީ އިންޑިއާ އިން އަބަދު ވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމެއް. ކުރިއެރުން ގުޅިފައި އޮތީ ވެސް މިކަމާ،" އަމިތު ޝާހު ވިދާޅުވި އެވެ. "ތައުލީމީ ދާއިރާ އިން ހޯދަމުން އަންނަ ކުރިއެރުންތަލކށް ބަލާ އިރު، ކުރިއަށް ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާ އެޑިއުކޭޝަނަލް ހަބަކަށް ވެސް ވާނެ."
އޭނަ ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އަކީ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައި އޮތް ގައުމެކެވެ. އެގޮތުން މިއާ އެކީ ވިޔަފާރި އާއި އިގުތިސާދު ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ އެވެ.