Last Updated: May 11, 14:31
Sunday, May 11, 2025
ކުޅިވަރު

ރާމޯސްގެ ބައި ގޯލުން ބާސާ މޮޅުވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 1-0 އިން ސެވިއްޔާގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ކުޅުނު 8 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ބާސާ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި ހަތް މެޗު ކުޅެގެން 19 ޕޮއިންޓާ އެކު އޮތީ ޖިރޯނާ އެވެ. ސެވިއްޔާ އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބާސާގެ ފޯވާޑް ޖައޯ ފެލިކްސް އަށެވެ. ނަމަވެސް ސެވިއްޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑި އަށެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ބާސާ އިން ދިޔައީ ކައިރިކައިރީގައި ސެވިއްޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 76 ވަނަ މިނެޓްގައި ބާސާ އިން ލީޑު ނެގިއިރު މި ގޯލަކީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ރާމޯސް އަތުން ބައިކޮޅަށް ގޯލު ވަނީ ބާސާގެ ލަމީން ޔަމާލް ގޯލު ކުރިމައްޗަށް ބޮލުން ހުރަސްކޮށްލި ބޯޅައެއްގައި ފައި ޖެއްސުމުންނެވެ.

ބާސާ އިން މި ސީޒަނުގެ ސްޕެނިޝް ލީގުގައި އަދި ބަލިވެފައެއް ނުވެ އެވެ. އެގޮތުން އެޓީމުން ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ގްރެނާޑާއާ އެވެ.