Last Updated: June 15, 03:20
Sunday, June 14, 2026
ޚަބަރު

ދެވަނަ ބުރުގެ ވޯޓްލުން ފަށައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މިއަދު ފަށައިފި އެވެ.

ވޯޓްލާން ފަށާފައި ވަނީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަވީރު 5:00 އާ ކަމަށެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި ވޯޓްލާ ވަގުތު ހަމަވުމާ އެކީ، ވަގުތު އިތުރެއް ނުކުރާނެ އެވެ. މި މަހުގެ 9 ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލުން ކުރިއަށް ގެންދިޔައީ ހަވީރު 4:00 އާ ހަމައަށެވެ.

ވޯޓްލުން ކުރިއަށްދާ އިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ހަރަކާތްތެރިވަމުން ދާނެ އެވެ. ރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި އީސީ އާއި ފުލުހުން ވެސް ވަނީ ވޯޓްލުމުގެ ކަންކަން ވީހާ ވެސް އަމާންކަމާއި އޮމާންކަމާއި ސުލްހަވެރިކަމާ އެކީ ކުރިއަށް ގެންދަން އިލްތިމާސްކޮށްފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ޖުމްލަ 586 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އަދި ވޯޓްފޮށި ފަސް ގައުމެއްގައި ވެސް ބަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ، ޔޫއޭއީ އަދި އިނގިރޭސިވިލާތެވެ.

ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ.

ވޯޓްލާންދާ އިރު، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ބޭނުންވާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ އައިޑީ ކާޑު، ލައިސަންސް ކާޑު، ޕާސްޕޯޓް އަދި ޕާސްޕޯޓް ކާޑެވެ. އެ މީހަކު ވޯޓްލާ ފޮށި ކަށަވަރުކުރުމަށް VR (A00000) ޖަހާފައި 1414 އަށް އެސްއެމްސްކުރުމުން އެކަން ސާފުވާނެ އެވެ.

ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، ރައީސަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. މުއިއްޒަށް 101،635 ވޯޓް ލިބިވަޑައިގަތެވެ.

މިއަދު ދެވަނަ ބުރުގެ ވޯޓްލުން ނިންމައިލާ އިރު، ރައީސްގެ މަގާމު ލިބިވަޑައިގަންނަވަނީ ކޮން ބޭފުޅަކަށްކަން ކަށަވަރުވެގެން ދާނެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.