އިންތިހާބުގައި ރައްޔިތުން ނިކުމެ ވީހާވެސް އަވަހަށް ވޯޓު ލެއްވުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލެއްވުމަށްފަހު ނިކުމެ ވަޑައިގެން މީޑިއާއާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުން ކުރައްވައި ވޯޓުލުމަށް އެދޭކަމަށެވެ.
ވޯޓުލުމުގެ ވަގުތު 05:00 އަށް ހަމަވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ވީހާ ވެސް ހެނދުނަކާ ވަޑައިގެން ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގެންފައިވާ ހައްގުގެ ބޭނުން ކުރައްވައި ވޯޓު ލެއްވުމަށް އެދޭކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިގެންވެއެވެ. އެއީ، 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ. މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެއެވެ.