Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

ޝަރަފްގެ އަންހެނުން ޑައިރެކްޝަނަށް

ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝަރަފު އަބްދުﷲ ގެ އަންހެނުން ޝަހުދާ މަހުދޫމް ޑައިރެކްޝަށް ނުކުމެއްޖެ އެވެ.

ޕީއެސްއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝަހުދާގެ އަލަތު ޑައިރެކްޝަނަކީ ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ ކަމަށްވާ ޑާކް ރެއިން އެންޓަޓައިންމަންޓަށް ޑައިރެކްޓްކުރާ އެއްޗެކެވެ. ފިރިމީހާ ޝަރަފު ވެސް ކާސްޓްގައި ހިމެނޭ މި އުފެއްދުމަކީ ޑާކް ރެއިނުން ފަށާފައި ޑާކް ރެއިން އެންޓަޓައިންމަންޓް ކްރޮނިކަލްސްގެ ސީޒަން ދޭއްގެ އެޕިސޯޑްތަކުގެ ތެރޭގައި ހިމެނޭ "ލެމަން ކޭކް" އެވެ.

މިއީ ޝަހުދާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ އެއްޗެކެވެ. "ލެމަން ކޭކް" ގެ ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު ޝާރިފުގެ އިތުރުން އައިޝާ އަލީ ވެސް ހިމެނެ އެވެ. މގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ޑާކް ރެއިނުން ސޯޝަލް މީޑިއާގައި ހިއްސާކުރި ނަމަވެސް މިއާ ބެހޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ޝަހުދާ ޑައިރެކްޝަނަށް ނުކުތް އިރު، އޭނަ އަކީ ވާހަކަ ވެސް ލިޔުންތެރިއެކެވެ. އޭނަގެ ފިރިމީހާ ޝަރަފަކީ މިހާރު ފިލްމީ ދާއިރާގައި ތިބި ޒުވާން އެކްޓަރުންގެ ތެރޭގައި އެންމެ ޑިމާންޑް ބޮޑު އެކްޓަރެވެ. މިދިޔަ މަހު އެޅުވި "ނީނާ" ގެ ބަތަލުގެ ކުރިއަށް ފިލްމުތަކުގެ ތެރޭގައި "މީ އިޝްގު"، "ފުރޭތަ" އަދި "ބަޅިނދު" ހިމެނެ އެވެ. ޑާކް ރެއިނުން މިދިޔަ މާޗް މަހު ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" ގެ އެކްޓަރަކީ ވެސް ޝަރަފެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓް ކްރޮނިކަލްސްގެ ސީޒަން ދޭކަށް އަލީ ޝިފާއު (ޗިއްޕެ) ވެސްް އަންނަނީ އެޕިސޯޑެއްގެ މަސައްކަތްކުރަމުންނެވެ.