ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފިއެވެ.
ރައީސް ޔާމީން ވޯޓުލައްވާފައިވަނީ މާފުށީގައި ޖަލުގައި ބަހައްޓާފައި ހުރި ފޮށި-2 ކަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލެއްވުމަށް ރައީސް ޔާމީން ރަޖިސްޓްރީ ކުރައްވާފައެއްނުވެއެވެ. އެހެނަމަވެސް ދެވަނަ ބުރުގައި ވޯޓު ލެއްވުމަށް ރަޖިސްޓްރީ ކުރެއްވިއެވެ.
ދެވަނަ ބުރުގައި ރައީސް ޔާމީން ވޯޓުލައްވާފައިވާއިރު ޕީޕީއެމް ޕީއެންސީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާކަމަށް އަޑުފެތުރިފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިގެންވެއެވެ. އެއީ، 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ. މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެއެވެ.