ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދާއިރު މިހާތަނަށް ވޯޓާ ގުޅޭ އެކި މައްސަލަތަކުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން ކަމަށެވެ. އަދި އޭގެތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިގެންވެއެވެ. އެއީ، 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ. މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެއެވެ.