ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެއްވުމަށްފަހު ނިކުމެވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ވޯޓުލާން ގިނަ މީހުން ނިކުމެއްޖެނަމަ އިންތިހާބު ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.
"އަޅުގަނޑަށް އިރާދަކުރެއްވިއްޔާ މި އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. އެކަމަކު މީގައި އެންމެ ބޮޑަށް ޑިޕެންޑް ވާނީ [ވޯޓުލާން] ނިކުންނަ ޓާންއައުޓް އަކުން." ރައީސް ސޯލިހް ވިދާޅުވިއެވެ.
ކުރީފަހަރު ދިމާވި އެންމެ ބޮޑު ގެންޖެހުމަކީ ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދުވުންކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މި އިންތިހާބުގައި މީހުން ވޯޓުލާ އަދަދު އިތުރުވިވަރަކަށް ތާއީދުއޮތް ޕަސެންޓް އިތުރުވެގެންދާތަން ފެންނަ ކަމަށެވެ. އަދި މިފަހަރު ގިނަ ބަޔަކު ވޯޓުލާ މަންޒަރު ފެންނަކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ސިޔާސީ ބޭބޭފުޅުންގެ ވިސްނުން ބަދަލުވަމުންދާތަން ފެނުނު ކަމަށާއި އެހެންކަމުން ކާމިޔާބު ކުރެވޭނީ ކިތައް އިންސައްތައިންކަން ބުނަން ދަތިކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިގެންވެއެވެ. އެއީ، 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ. މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެއެވެ.