Last Updated: May 9, 13:45
Friday, May 9, 2025
ޚަބަރު

97،000 އަށް ވުރެ ގިނަ މީހުން ވޯޓުލައިފި

ފޮޓޯ: އައްޑޫލައިވް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާތަނަށް 97،000 އަށްވުރެއް ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނެފައިވަނީ 11:00 އާ ހަމައަށް ވޯޓުލެވޭ މީހުންގެ 34.38 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށެވެ. އެއީ 97،220 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 44،763 އަންހެނުންނާއި 52،457 ފިރިހެނުންނެވެ.

މިއާއެކު ވޯޓުނުލާ ތިބި މީހުންގެ އަދަދަކީ 185،584 އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިގެންވެއެވެ. އެއީ، 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ. މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެއެވެ.