ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުުގައި އިންޑިއާގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އަށް ބިނާކޮށް ފިލްމެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި އެ ފިލްމު އޭނަ ކުޅޭނެ ވެސް މެ އެވެ. ނަމަވެސް ޕްރޮޖެކްޓާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދިއެއް ނާދެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރާޖްގެ ބައޮގްރަފިކަލް ޑްރާމާ ހަދަން ނިންމާފައި ވަނީ އޭނަގެ މައްޗަށް 2021 ގައި ކުރެވުނު ބަރަހަނާ ފިލްމު ހަދައި، އެ ވިޔަފާރިން އާމްދަނީ ހޯދާ ކަމަށް ބުނެ ފެންމަތިވި މައްސަލަގަނޑަށެވެ. އެ މައްސަލާގައި ރާޖް ދެ މަހެއްހާ ދުވަސް ޖަލުގައި ވެސް ބަންދުކުރި އެވެ.
އެ މައްސަލަގަނޑަށް ފަހު ރާޖް އާންމުކޮށް އުޅެނީ މޫނުގައި މާސްކެއް އަޅައިގެން "ފިލައިގެން" ނެވެ. މިކަމާ ހެދި އޭނަ އަށް މިހާރު ގިނަ ބަޔަކު ޖޯކް ވެސް ޖަހަ އެވެ.
މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން އިންސްޓަގްރާމްގައި އާންމުކުރި ރީލްއެއްގައި ވަނީ ރާޖްގެ ބައޮޕިކް ހަދާނީ އޭނަ ކަމަށް ނުސީދާކޮށް އިޝާރާތެއް ދީފަ އެވެ. އޭގައި މި ވާހަކައެއް ދެކެވެނީ ސޯޝަލް މީޑިއާ ތަރިއެއް ކަމަށްވާ މުނައްވަރު ފާރޫގީ އާއި ފަރާއާ ދެމެދު އެވެ. އެ ދެ މީހުންގެ ވާހަކައިގެ ތެރޭގައި މުނައްވަރު އެދެނީ ރާޖުގެ ބައޮޕިކެއް ހެދުމަށެވެ. އަދި އެއީ ރާޖް ކަޕޫރް ތޯ ނޫނީ ރާޖްކުމާރު ރާއޯތޯ އަހައި، އެ މީހުންނަށް ފިލްމެއް ހަދަން ބޭނުން ނުވާ ކަމަށް ފަރާ ބުނެ އެވެ.
އޭގެ ރައްދުގައި މުނައްވަރު ބުނަނީ ފިލްމު ހަދާނީ "މާސްކް" އެޅި ރާޖް އަށް ކަމަށެވެ. އަދި އެއީ ރާޖް ކުންދުރާތޯ އަހައި، އެހެންވިއްޔާ އެފަދަ ފިލްމެއް ޝިލްޕާ ވެސް ނުބަލާނެ ކަމަށް ބުނެ ފޫހިވެގެން ފަރާ ތެދުވެގެންދާތަން ރީލް އިން ފެނެ އެވެ.
"ސަމާސާގަނޑެއް" ގެ ގޮތުގައި މި ރީލް ގެނެސްދީފައި އޮތަސް ގިނަ ބަޔަކު ބުނެފައ ވަނީ މިއީ ރާޖްގެ ބައޮޕިކް ފަރާ ހަދަން އުޅޭ ކަމަށް ދިން އިޝާރާތެއް ދޭ ކަމަޑެވެ. އެ ނިމޭ ތަނުން "ޔޫޓީ69" އެއް އަންނަން އުޅޭ ވާހަކަ އާއި އެއާ ބެހޭ އިތުރު ވާހަކަތައް ކުރިއަށް ހުރީ ކަމަށް ބުނެފައިވެ އެވެ.
މި ރީލް ފަރާ ޕޯސްޓްކޮށްފައި ވަނީ #ޔޫޓީ69#މާސްކްމޭން އަދި #ރާޖް ކުންދުރާ ޖަހައިފަ އެވެ.