Last Updated: May 9, 13:45
Friday, May 9, 2025
ޚަބަރު

ވޯޓުލުން ހުއްޓުނު ފޮނަދޫ ފޮށިގައި ވޯޓުލުން ފަށައިފި

ލ. ފޮނަދޫގައި ބަހައްޓާފައިހުރި ފޮއްޓެއްގައި ދިމާވި މައްސަލައަކާ ގުޅިގެން ވޯޓުލުން މެދުކެނޑުމަށްފަހު އަލުން ވޯޓުލާން ފަށައިފިއެވެ.

ފޮނަދޫގެ 3 ނަންބަރު ވޯޓުފޮށީގެ ވޯޓުލުން މެދުކެނޑުނީ ވޯޓު ކަރުދާސް ދޫކުރަންއިން އޮފިޝަލް ކަރުދާހުގައި ކުރަހާ ކަމުގެ ޝަކުވާއާ އެކުއެވެ.

މިކަމާ ގުޅުގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ލ. ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލު ކަމަށް އައުމުން، އެކަމުގައި އަމަލުކުރަންވީގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާ އަށް މިހާރު ދީފައިވާކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށާއި އޮފިޝަލުންނަށް ވޯޓުކަރުދާހުގައި ފާހަގަ އެއް ޖެހުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ވޯޓުލާން ފަށާފައިވާކަމަށްވެސް އީސސީން މައުލޫމާތުދެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލައިގައި ނިންމާފައިވަނީ އިތުރު ފޮއްޓަކަށް ވޯޓުލާން ފެށުމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282804 މީހުންނަށް ލިބިގެންވެއެވެ. އޭގެތެރެއިން މިހާތަނަށް ވޯޓުލާފައިވަނީ 126،866 މީހުނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.