Last Updated: May 11, 20:11
Sunday, May 11, 2025
ޚަބަރު

މާރާމާރީތަކުގައި އިދިކޮޅުގެ ބައިވެރިވުމެއް ނޯންނާނެ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދެ މެމްބަރަކަށް ބަޔަކު ހަމަލާ ދިން ނަމަވެސް އެކަމުގައި ޕީޕީއެމް/ޕީއެންސީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ކޯލިޝަން ބުނެފި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިއަށް ދަނި ފޭދޫ ދާއިރާގެ އެމްޑީޕީ މުހައްމަދު ނިހާދަށް ގްރޫޕެއްގެ ބަޔަކު ހަމަލާދިނީ އޭނަގެ ރަށުގަ އެވެ. އެ ހާދިސާއާ ގުޅިގެން އޭނަ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. މިއަދު ބަޔަކު ހަމަލާދިން އަނެއް މެމްބަރަކީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އެވެ. އޭނަ އަށް ހަމަލާދިނީ މާލޭގަ އެވެ.

މި ދެ މެމްބަރުންނަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަހުމަދު ތޮލާލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގަިއި ވިދާޅުވީ އެ މާރާމާރީތަކާއި އާއި ހަމަނުޖެހުމުގައި ޕީޕީއެމާއި ޕީއެންސީގެ އެއްވެސް މެމްބަރެއް އަދި ސަޕޯޓަރެއްގެ ވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

"ޕީޕީއެމާއި ޕީއެންސީ މެމްބަރުން އަދި ސަޕޯޓަރެއް އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާ ކަމުގެ ޔަގީންކަން އަރުވަން. އަދި އެފަދަ ކަމެއްގައި ބައިވެރިނުވުމަށް މި ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުން." އޭނަ ވިދާޅުވި އެވެ.

މި ހަމަލާތަކާ ގުޅިގެން ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ. އަދި ދެ މެމްބަރުންނަށް ހަމަލާދިން މައްސަލަތައް އަންނަނީ ބަލަމުންނެވެ.