ވުލްވްސް އަތުން 2-1 އިން ބަލިވެ، ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މި ސީޒަނުގައި ލީގުގައި ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ.
މި ނަތީޖާއާއެކު ސިޓީ ލީގުގެ އެއްވަނައިގައި މިހާރު އޮތީ ހަތް މެޗުން ލިބުނު 18 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 17 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ އާސެނަލް އެވެ. ޓޮޓެންހަމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސް އަތުން ވަތް ބައި ގޯލާއެކު ވުލްވްސް އަށް މެޗުގެ ލީޑު ލިބުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ސިޓީ އަށް ލިބުނު ހިލޭޖެހުމަކުން މެޗުގެ 58 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ.
މި މެޗުން ވުލްވްސް މޮޅުވި ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވަންގް ހީ ޗަން އެވެ. މިއީ ލީގުގައި ވުލްވްސް އަށް ލިބުނު ދެވަނަ މޮޅެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމުން ވަނީ 2-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. މި މެޗުގައި ލިވަޕޫލްގެ ކާޓިސް ޖޯންސް އަދި ޖޯޓާ އަށް ރަތްކާޑު ދެއްކިއިރު މެޗުގެ 36 ވަނަ މިނެޓްގައި ސޮން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކޯޑީ ގަކްޕޯ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިން އިރު މެޗުން މޮޅުވި ގޯލު ޓޮޓެންހަމުން ކާމިޔާބު ކުރީ މެޗުގެ އެންމެފަހު މިނެޓްގަ އެވެ. މިއީ ލިވަޕޫލްގެ ޑިފެންޑަރު މަޓިޕް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
އާސެނަލުން 4-0 އިން ބޯންމަތް ބަލިކުރިއިރު އާސެނަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އާއި މާޓިން އޮޑެގާޑްގެ އިތުރުން ކައި ހަވެޓްޒް އާއި ބެން ވައިޓް އެވެ. މެންޗެސްޓާ ޔުނައިޓެޑް ރޭ އަމިއްލަ ދަނޑުގައި 1-0 އިން ކްރިސްޓަލް ޕެލެސް އަތުން ބަލިވިއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޕެލެސް އަށް ކާމިޔާބުކޮށްދިނީ އެންޑަސަން އެވެ.
މީގެއިތުރުން އެސްޓަންވިލާ އިން 6-1 އިން ބްރައިޓަން ބަލިކުރިއިރު ބާންލީގެ މައްޗަށް ނިއުކާސަލް ޔުނައިޓެޑުން ވަނީ 2-0 އިން ކުރި ހޯދާފަ އެވެ. ވެސްޓްހަމް އިން 2-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކުރިއިރު ލޫޓަން ޓައުން އިން ވަނީ 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ.