Last Updated: May 11, 14:51
Sunday, May 11, 2025
ޚަބަރު

މުއިއްޒަށް މޯދީ މަރުހަބާ ވިދާޅުވެއްޖެ

ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ މިއަދު ވިދާޅުވެއްޖެ އެވެ.

މޯދީގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒަށް މަރުހަބާ އާއި ތަހުނިޔާ ވިދާޅުވާ ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބަދަހިކުރުމުގައި އިންޑިއާ ދެމިއޮންނެ ކަމަށާއި މި ދަނޑިވަޅަކީ އެފަދަ އިމްތިހާނެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މުއިއްޒު ނިަސްބަތްވާ ޕީޕިއެމް/ޕީއެންސީ ކޯލިޝަނަކީ "އިންޑިއާ އައުޓް" ގެ ނަމުގައި އިންޑިއާއާ ދެކޮޅަށް ކެމްޕޭނެއް ހިންގަމުންދާ ކޯލިޝަނެކެވެ. އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ބުނެ، އެ މީހުން ބާލަން ގޮވާލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ފެއްޓެވި ކެމްޕޭނެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވާތީ އިދިކޮޅު ކޯލިޝަނުން ބޮޑެތި ފާޑުކިޔުންތަކާއި ތުހުމަތުތައްކޮށް، ރާއްޖެ އޮތީ އިންޑިއާގެ އަޅުވެތިކަމެއްގެ ތެރޭގައި ކަމަށް ވެސް ސިފަކުރެ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި މުއިއްޒު ވިދާޅުވެފައި ވަނީ އިންޑިއާ އިން ރާއްޖެ އޮތް ނުފޫޒު ނައްތައިއިލާނެ ކަމަށާއި މި ސަރުކާރުން "އަަޑި ނޭނގޭ" ގޮތަށް އެ ގައުމާ އެކީ ހަދާފައިވާ އެއްބަސްވުންތައް ވެސް އުވައިލާނެ ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހާ ދެވަނަ ބުރެއްގައި ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 126,842 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 53.9 ޕަސެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108,500 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 46.1 ޕަސެންޓެވެ.