ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ވަރަށް ގިނަ މީޑިއާތަކުން މިކަން ރިޕޯޓްކުރި ނަމަވެސް އެކަން ރަސްމީކޮށް އަދި އިއުލާންކޮށްފައެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނީ ދެވަނަ ދަރިފުޅަށް ބަލިވެއިން ވާހަކަ އަނުޝްކާ ވަރަށް އަވަހަށް ފޭނުންނާ ވެސް ހިއްސާކުރާނެ ކަމަށެވެ. އަނުޝްކާ އާއި ކްރިކެޓް ތަރި، ވިރާޓް ކޯލީ އަށް ފުރަތަމަ ދަރިފުޅު ލިބުނީ 2021 ގަ އެވެ. އެއީ ވަމީކާ ކިޔާ އަންހެން ކުއްޖެކެވެ. އަނުޝްކާ އާއި ވިރާޓް ކައިވެނިކުރީ 2016 ގަ އެވެ.
ޝާހްރުކް ޚާންގެ 2008 ގެ ފިލްމު "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކާ އެކީ ކުޅުނު 2018 ގެ "ޒީރޯ" އިންނެވެ. މިދިޔަ އަހަރު އަނުޝްކާ "ޗަކްދާ އެކްސްޕްރެސް" ކިޔާ ފިލްމެއް ކުޅެފައިވެ އެވެ. އިންޑިއާގެ ކުރީގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ މި ބައޮގްރަފިކަލް ޑްރާމާ ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
"އޭ ދިލް ހެ މުޝްކިލް" އާއި "ސުލްތާން" އާއި "ޖަބް ތަކް ހެ ޖާން" އާއި "ޕީކޭ" އަދި "އެންއެޗް10" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު އަނުޝްކާ ބުނެފައިވާ ގޮތުގައި އޭނަ ފިލްމު ކުޅުން ހުއްޓައެއް ނުލާނެ އެވެ.