Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

ދަރިފުޅު ގޮވައިގެން ސަނާ އުމްރާ އަށް

މިދިޔަ ޖުލައި މަހުގެ ތެރޭގައި އަލަތު ދަރިފުޅު ލިބުނު އިންޑިއާގެ ކުރީގެ ބަތަލާ ސަނާ ޚާން އުމްރާ އަށް ހިނގައްޖެ އެވެ.

ފިރިމީހާ މުފްތީ އަނަސް ސައްޔިދު ވެސް ބައިވެރިވާ މި ދަތުރުގެ ފޮޓޯ އާއި ވީޑިއޯ ސަނާ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ސަނާ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އުމްރާވެފައިވެ އެވެ. ފިލްމީ ދާއިރާ އަށް ދޫކޮށްލައި، އިސްލާމީ ދިރިއުޅުމަށް ރުޖޫއަވެ، ސަނާ ކައިވެނިކުރީ 2020 ގަ އެވެ.

ދަރިފުޅު ތާރިގު ޖަމީލު ގޮވައިގެން ކުރާ އުމްރާ ދަތުރާ ބެހޭ ގޮތުން ސަނާ ބުނީ މިއީ އޭނަ ކުރި ދުއާއެއް އިޖާބަވުން ކަމަށާއި އެކަމަށްޓަކައި ހެއްދެވި ފަރާތަށް އިހުލާސްތެރިކަމާ އެކީ ޝުކުރު އަދާކުރާ ކަމަށެވެ. ސަނާގެ ޕޯސްޓްގައި ދަރިފުޅު ހެޔޮލަފާ ދީންވެރި ކުއްޖަކަށްވުމަށް އެދި ދުއާކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސަނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޖޭ ހޯ"، "ވަޖާ ތުމް ހޯ" އަދި "ހައްލާ ބޯލް" ހިމެނެ އެވެ. ރިއަލިޓީ ޝޯތައް ކަމަށްވާ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް އޭނަ ވާދަކޮށްފައިވެ އެވެ.