Last Updated: April 29, 11:54
Monday, April 29, 2024
ދުނިޔެ

އިންޑޮނީޝިއާގައި ހައި-ސްޕީޑް ރޭލުގެ ހިދުމަތް

ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ފުރަތަމަ ހައި-ސްޕީޑް ރޭލު ދަތުރުގެ ހިދުމަތް އިންޑޮނީޝިއާގައި ރަސްމީކޮށް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

"ވޫޝް" ގެ ނަން ދީފައިވާ މި ނިޒާމުގެ ޓެސްޓް ދަތުރުތަކެއް ވެސް ބާއްވާފައިވާ އިރު، ހިދުމަތް ފެށުމުގެ ކުރިން އާންމުންނަށް ހަފުތާއެއް ވަންދެން ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދީފައިވެ އެވެ. މި ހައި-ސްޕީޑް ރޭލު ނިޒާމު ގާއިމުކޮށްފައި ވަނީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އާއި ހުޅަނގު ޖާވާ ޕްރޮވިންސްގެ ބަންޑަންގްއާ ދެމެދު އެވެ. މި ދޭތެރެ އަކީ 142.3 ކިލޯމީޓަރު (88.4 މޭލު) ގެ ރާސްތާއެކެވެ. އެހެންވެ އާންމު ދަތުރަކަށް އެވްރެޖްކޮށް ތިން ގަޑިއެއްހާ އިރު ނަގަ އެވެ.

ނަމަވެސް މާދަމާ ރަސްމީކޮށް ފަށާ ހައި-ސްޕީޑް ރޭލު ދަތުރުރަކާ އެކީ އެ ވަގުތު އެންމެ 40 މިނިޓަށް މަދުވާނެ އެވެ.

"ވޫޝް" އަކީ ގަޑިއަކު 350 މޭލަށް ދަތުރުކުރާ އަދި ދަތުވެރިންނަށް އަރާމު، ހިތްފަސޭހަ މާހައުލެއްގައި، ވަރަށް ހަމަޖެހިލައިގެން ތިބެ ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް ނިޒާމެކެވެ.

މި ނިޒާމު ގާއިމުކޮށްފައި ވަނީ ޗައިނާ އިން ވަރަށް ބޮޑު އަދަދެއް ފަންޑް ވެސް ކޮށްގެންނެވެ. އެގޮތުން "ވޫޝް" އަކީ "ޗައިނާސް ބެލްޓް އެންޑް ރޯޑް އިންފްރާސްޓްރަކްޗާ" އިނިޝިއޭޓިވްގެ ދަށުން ހިންގާފައިވާ މަޝްރޫއެކެވެ. ޖުމްލަ 7.3 ބިލިއަން ޑޮލަރުގެ މި މަޝްރޫއު ހިންގާފައި ވަނީ ޗައިނާ އާއި އިންޑޮނީއާ އިން ޕީޓީ ކެރެޓާ ސެޕަޓް އިންޑޮނީޝިއާ-ޗައިނާ (ޕީޓީ ކޭސީއައިސީ) ކިޔާ ކޮންސޯޓިއަމަކުންނެވެ. މި ކޮންސޯޓިމްގައި ހިމެނެނީ ޗައިނާގެ ޗައިނާ ރެއިލްވޭ އިންޓަނޭޝަނަލް ކޮމްޕެނީ ލިމިޓެޑާއި އޮންޑޮނީޝިއާގެ ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެކެވެ.

މި މަޝްރޫއު ހިންގަން ސޮއިކުރީ 2016 ގަ އެވެ.

އިިންޑޮނީޝިއާގެ މެރިޓައިމް އެންޑް އިންވެސްޓްމަންޓް ކޯޑިނޭޓިން މިނިސްޓަރު ލުހޫތު ބިންސާރު ޕަންޑްޖައިތާން ވިދާޅުވީ "ވޫޝް" އަކީ ޖަކާޓާ އަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.

މި ހިދުމަތަށް ނަގާނެ އަގު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މީޑިއާތަކުން ބުނި ގޮތުގައި ރޭލު ދަތުރުގެ އަގުތައް އުޅޭނީ 16-22.60 ޑޮލަރާ ދެމެދުގަ އެވެ.